އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެންބަރަކުން އަދާކުރެއްވި އިބްރާހީމް އިސްމާއީލް (މަންދުއިބްރާ) އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އިބްރާއަކީ އެމްޑީޕީ ރަޖިސްޓްރީކުރުމަށް 2001 ވަނަ އަހަރު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެޑްރެސް ކުރައްވައި އިބްރާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީ އުފެއްދީ އަދުލާއި އިންސާފު އަދި އިންސާނީ ކަރާމާތާއި ރައްޔިތުންގެ ހަމަހަމަކަން ގާއިމުކުރަން ކަމަށެވެ. އެމްޑީޕީއަކީ ހައްދު ފަހަނައަޅައިފައިވާ ވެރިކަމަކާ ދެކޮޅަކަށް ކުރި މަސައްކަތުގެ ބުރަ ނަތީޖާ ކަމަށް އިބްރާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން ބަޔަކު ޖަލަށް ލެވި، އެކަމުގައި އުޅުނު ބައެއް މީހުން މަރުވެފައިވާކަމަށް އިބްރާ ވިދާޅުވިއެވެ.

ދިގު ރާސްތާއަކަަށްފަހު 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް އިންތިހާބުވި ކަމަށާއި އަދި ރައްޔިތުން ވަނީ އެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިކަމަށް އިބްރާ ވިދާޅުވިއެވެ. ނަމަވެސް ޕާޓީގެ މަގުސަދާ އެއްގޮތަށް ކަންތައްވަމުން ނުދާކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް ފާއިތުވެގެން މިދިޔަ ފަސް އަހަރު ފެށިގެން މިދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަނެވެ. މިއަދު ސިވިލް ކޯޓަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލު ކުރައްވައިފިއެވެ. ހައި ކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ގާނޫނުގެ އިމުން ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ހިފަހައްޓަމުންދާއިރު، އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަ ނައިބެވެ. ޝަރުއީ ނިޒާމުގެ ތެރޭގައި، ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތަށް ހިންގަނީ ދައުލަތުގެ ވަކީލުންނެވެ. އާދި، ޕާޓީގެ ސަރުކާރު ތަމްސީލުކުރާ ވަކީލުންނެވެ" އިބްރާ ވިދާޅުވިއެވެ.

އޭނާއަކީ އެކަންކަން ތަހައްމަދުކުރަމުންދާ މީހެއް ކަމަށާއި 2015 ވަނަ އަހަރު އޭނާގެ މުދާ ދައުލަތުން ފޭރިގަތްއިރު އެމްޑީޕީ ގައުމީ މަޖިލިސް އޮތީ ބަލަންކަމަށް އިބްރާ ވިދާޅުވިއެވެ. މުދާ ދައުލަތައް ނެގި މައްސަލައިގައި ބަދަލުދޭން ޖެހޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް، ތިން އަހަރުވެފައިވާއިރު ބަދަލު ލިބިފައިނުވާކަމަށް އިބްރާ ވިދާޅުވިއެވެ. އެކަމަށް ހުރަސް އަޅަމުންދަނީ ބަންޑާރަ ނައިބުގެ އޮފީހުންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުފެއްދި އެމްޑީޕީގައި ރައްޔިތަކު ކޯޓުގައި މިގޮތަށް ގަނަތަޅުވާކަށް ނޯންނާނެއެވެ. ވީހާވެސް އަވަހަކަށް، ކޮންމެ ރައްޔިތަކަށް ވެސް އިންސާފު ހޯދައިދީ، އަދުލު ގާއިމު ކުރުމަކީ އަޅުގަނޑު ބައިވެރިވެގެން އުފެއްދި އެމްޑީޕީގެ މަގްސަދެވެ" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެކިއެކި މުޒާހަރާތަކުން ކަންކުރާ ގޮތާއިމެދު ހިތްހަމަނުޖެހިގެން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ޝަކުވާކުރުމުން ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނާގެ ދަރިފުޅަށް ހައްގުވާ މަތީ ތައުލީމުގެ ލޯނުން މަހުރޫމް ކޮށްފައި ކަމަށާއި އެގޮތަށް ކަންތައް ކުރެއްވީ ޒާތީ ތައައްސަބަކާ ގުޅިގެންކަމަށް އިބްރާ ވިދާޅުވިއެވެ.

"ކިޔަވަން ބޭރުގައި ހުރި ދަރިފުޅު، ކިޔެވުން މެދު ކަނޑާލައިފައި އައިސް މާލޭގައި އެކިތަންތާ އެކި ކަހަލަ މަސައްކަތްކޮށްގެން ކައިބޮއި އުޅެއެވެ" އިބްރާ ވިދާޅުވިއެވެ.

"އިސްލާހީ ހަރަކާތް ފެށިގެން އައިއިރު އަޅުގަނޑުމެން ކުޑަގޮޅިތަކުގެ އަނިޔާ ލިބެމުން ދިޔައިރު، ހިތްވަރާއެކު، ބިރުވެރިކަމާ ނާމާންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ މިނިވަންކަމަށް ވަކާލާތުކުރީ (އޭރުގެ) ޒުވާން އަންހެން ކުއްޖާ މިއަދު ހުރީ އޭނާގެ އަހުލުން ލޮލަށް ނުފެންނަ ހިސާބަށް އަރުވާލެވިގެން" އިބްރާ ވިދާޅުވިއެވެ.

ކޯލިޝަން ޕާޓީ ރުއްސަން ހަދައިގެން، އޭނާ މަރަން ނުކުތް އަދާލަތު ޕާޓީއާ ދެކޮޅަށް އެޅުނު ފިޔަވަޅެއްނެތްކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެމްޑީޕީން ވަނީ އެ ޕާޓީ އުފެއްދި ހުރިހާ އަސާސްތަކެއް ދޫކޮށްލާފައި ކަމަށެވެ. އެ އަސާސްތައް އެކުލަވާލި މީހުންނަކީ މިހާރު ޕާޓީގައި ބަސްވިކޭ ބައެއް ނޫންކަމަށް އިބްރާ ވިދާޅުވިއެވެ. ޕާޓީގެ ނަމުގައި ހުރިހާ ބާރުވެރިކަމެއް ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެން ތިބި އެއިރުގެ ޑީއާރްޕީ މެމްބަރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ދަރަނި ބޮޑުވެ، މުއްދަތަކަށް ބޭރުގެ ގައުމުތަކުގެ އަތްމައްޗަށް ރާއްޖެ ދަމުންދާ ކަމަށެވެ. ރައީސް އޮފީހުގެ ބަޖެޓުން ކުރި ހަރަދެއްގެ ތަފުސީލު ނުދީގެން ސުޕްރީމް ކޯޓުން ހުކުމްކުރަން ޖެހުމަކީ ލަދުވެތިކަމެއްކަމަށް އިބްރާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ސަރުކާރު މިއަދު ހިނގަމުން ދަނީ އެ ގޮތްގޮތާ އަޅުގަނޑުމެން ދެކޮޅުހަދައި، ޖިސްމު ގުރުބާންކުރަން ނުކުތް ގޮތްގޮތަށެވެ" އިބްރާ ވިދާޅުވިއެވެ.

އޭނާ ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރީ ޒާތީ މަންފާއަކަށް ނޫން ކަމަށާއި ޕާޓީގައި އުޅުނީ ގަބޫލުކުރާ ހަމަތަކާއި ސިޔާސަތަށް މަގުފަހިކުރަންކަމަށް އިބްރާ ވިދާޅުވިއެވެ. ޒާތީ މަންފާއަށް އުޅުނުނަމަ އޭނާ ހުންނާނީ ޑީއާރްޕީގައިކަމަށް ވިދާޅުވިއެވެ.

"މިއަދު ޕާޓީން ކަންކުރައްވަމުން ތިޔަ ގެންދަވާގޮތާ ދެކޮޅަށް އަޅުގަނޑަށް ކުރެވެން އޮތްކަމަކީ އެކަންކަމުގައި ބައިވެރިނުވުމެވެ. އަޅުގަނޑުގެ މުނި ދަރިން މި ކަންކަމާ އަޑުއުފުލާއިރު، އަޅުގަނޑަކީ ތިޔަ ހިޔާނާތުގައި ބައިވެރިވި މީހެއް ނޫންކަން ފަތްފުށްތަކުގައި ލިޔެފައި ބޭއްވުން" އިބްރާ ވިދާޅުވިއެވެ. އެހެން ކަމުން މިއަދުން ފެށިގެން ޕާޓީ އިސްތިއުފާދެއްވި ކަން ހިތާމަޔާއެކު ދަންނަވާ ކަމުގައި އިބްރާ ފާހަގަކުރެއްވިއެވެ.

އަމިއްލަ ނަފުސު ގަބޫލުނުކުރާ އުސޫލުތަކެއް ހިންގާ، ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި، އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ އުނދަގޫކަމެއް ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި "މި ސިޓީ ލިޔަން އިއްތިފާގުން މި ދިމާވީ 12 އޮގަސްޓުގެ ތާރީހުގައި ކަމީ ގައިން ހީބިހި ނާގަކަމެއް" ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާއަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ބޭބެ އެވެ.