ރިޔާސީ ނިޒާމުން އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ސަރުކާރެއް އެކުލަވައި ނުލެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޑރ.އަހްމަދު އަބްދުﷲ ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮޑުވަޒީރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ހާސިލު ނުވާނެ ކަމަށެވެ.
އެއްްކަމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމުވުން ކަމަށާއި، ދެވަނަ ކަމަކީ، އަލަށް އުފެދޭ ބަރުލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިހާބުކުރާ މަޖިލީހުގެ 50 ޕަސެންޓް މެޖޯރިޓީ ލިބޭ ޕާޓީ، ކޯލީޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުން ކަމަށް ވިދާޅުވެފައިވެއެވެ.
މިނޫން ގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިހާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާއި ހުދޫދު ފަހަނައަޅައި ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ރައީސް ސޯލިހަށް އިއްޔެ ކުރެއްވި މެސެޖެއްގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ރައީސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން، ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ވިދާޅުވެފަ އެވެ.