ރައްޔިތުންގެ ވޯޓުން ނިންމާފައި އޮތް ކަމެއް، ދެ މީހަކު ވެގެން ބަދަލު ނުކުރެވޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވުމުންނެވެ.
ޝަރީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ކަނޑައަޅާފައިވާ ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އެކަން ދެ މީހަކު ވެގެން ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް، ދެތިން މީހަކު ހަމަ ތިބެލާފަ ބަދަލެއް ނުކުރެވޭނެ،" ޝަރީފުގެ ޓުވީޓްގައިވެއެވެ.
ޝަރީފު ވިދާޅުވީ ރައްޔިތުން ވެރިކަމުގެ ނިޒާމު ބަދަލު ކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމެއް ކަމަށް ނުފެނިގެން ކަމަށެވެ.
"އެއް ބޭފުޅަކަށް އެތައް ވަޒީފާއެއްގައި ހުރުމުން އެފިޝިއެންސީ ގެއްލި، އެތައް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ހިތްދަތިކަން ރައްޔިތުންނަށް އިހުސާސް ވެގެން. އަނެއްކާވެސް ނޫ ގާނޫނު އަސާސީއަށް ރުޖޫއަވާ ވާހަކަ މި ދެއްކެނީ،" ޝަރީފު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ފޮނުއްވި މެސެޖްގައި ވަނީ އެއް ފަރާތެެއްގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވައިލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުން ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު