މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވަނީ މިއަދު މެންދުރު 11:00ގައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުވެސް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ނިންމިއެވެ. އެއީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށެވެ. ނަމަވެސް އެދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައެއް ނުވެއެވެ.