ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރައިލިކަމަށް އެއްބަސްވި ގޮތާއި، އެކަންތައް ހިނގައިދިޔަ ގޮތް، ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ ސުޕްރީިމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް މިއަދު ކިޔައިދީފިއެވެ.

ނަޖީބު މަރާލާފައި ވަނީ، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި، ހަނާގެ އިތުރުން އޭނާގެ އޭރުގެ ލޯބި ވެރިޔާ މ. މަސްރޫރާ، އަހްމަދު މުއްރަތުގެ މައްޗަށް ވެސް ދަށު ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފައެވެ. އަދި އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ. އޭގެ ތެރެއިން މުއްރަތުގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަކީ، އެ މައްސަލައިގައި ހަނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަކީ، ހަނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު، މައްސަލައާ ބެހޭގޮތުން ހަނާގެ ފަރާތުން ވާހަކަ ދެއްކުމަށް، ހަނާ، ނުވަތަ ހަނާގެ ދިފާއީ ވަކީލު އަހުމަދު ޝަފީއު އަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފުރުސަތު އެރުވިއެވެ.

އެ ފުރުސަތުގައި ދައުލަތުން ހަނާއަށް ހަމަޖައްސައިދެއްވާފައި ހުންނަވާ ގާނޫނީ ވަކީލު ޝަފީއު ވިދާޅުވީ، ނަޖީބުގެ މަރުގެ ހާދިސާ ޝަރިއަތުގެ މަޖިލީހުގައި ކިޔައި ދިނުމަށް އުއްތަމަ ފަނޑިޔާރު މީގެ ކުރީގެ އަޑުއެހުމުގައި އެދިވަޑައިގެންފައިވާތީ، ހަނާގެ ފަރާތުން އެ ވާހަކަތައް ކިޔައިދޭން ބޭނުންވާ ކަމަށެވެ.

ނަމަވެސް އެވާހަކަތައް ކިޔައިދޭން ހަނާ ބޭނުންވަނީ، އާއްމުކޮށް ހުޅުވާލައިގެން ނޫން ގޮތަކަށް އަދި ލައިވް ނުކޮށް ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ މި ހާދިސާގައި ނިޔާވެފައިވާ ނަޖީބުގެ ހުރުމަތަށް ގެއްލުން ވެދާނެ ފަދަ ވާހަކަތަކެއް ހަނާގެ ފަރާތުން އިވިގެން ހިނގައިދާނެތީ، ޖެހިލުންވަނީ ކަމަށާއި، ކުރިންވެސް މި މައްސަލައިގެ ތެރެއިން ބަޔާނުގައި އެފަދަ ވާހަތައް ހުރުމުން ބަންދުގައި އޮތްނަމަވެސް ބައެއް މީހުންގެ ފަރާތުން ހަނާއަށް ތުރެޓްތައް އައިސްފައިވާތީ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އެކަމާ ބެހޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ޝަރީއަތުގެ މަޖިލީހަކީ ހުޅުވާލެވިގެން ބޭއްވޭ ޝަރިއަތުގެ މަޖިލީހަކާށް ވާތީ ހަނާ ދައްކަން ބޭނުންވާ ވާހަކަތައް ކުރިއަށް ގެންދާނީ ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، މާފުށީ ޖަލުން ބައިވެރިވެ، ނަޖީބުގެ މަރުގެ ހާދިސާ ކިޔައިދޭން ފަށަމުން ހަނާ ބުނީ، އެއީ ކިޔައިދޭން ވަރަށް އުނދަގޫ ހާދިސާއެއް ކަމަށެވެ.

ނަމަވެސް ވާހަކަ ކުރިއަށް ގެންދަމުން ހަނާ ބުނީ، އެރޭ މުއްރަތުގެ ގެ މ. މަސްރޫރާ އަށް ނަޖީބު ގެނައުމަށް ގުޅީ މުއްރަތު ބުނެގެން ކަމަށެވެ. އެއީ މުއްރަތުގެ މަންމަމެން ގޭގެ މައްސަލައިގައި ގާނޫނީ އެހީތެރިކަން ހޯދުމަށް ބުނެގެން ކަމަށްވެސް ހަނާ ކިޔައިދިނެވެ.

"މުއްރަތު ބުނީމަ އަޅުގަނޑު ނަޖީބަށް ގުޅީ، ދެން ނަޖީބު އެއްބަސްވީ މުއްރަތު ގެއަށް އަންނަން އެވާހަކަ ދައްކާލަން، އެހާ ރަނގަޅަށް ޑޭޓާ ޓާއިމާ ހަނދާނެއް ނެތް، ހީވާގޮތަށް މި ކިޔަނީ އެރޭ ގާތްގަނޑަކަށް ހަޔަކާ ހަތަކާ ދޭތެރޭ، ނަޖީބު އަންނަނީ މުއްރަމެން ގެއަށް، އައިސް އަޅުގަނޑާ މުއްރަތާ ނަޖީބުއާ ތިން މީހުން ދަނީ މުއްރަމެން ކޮޓަރިއަށް ވާހަކަ ދައްކާލަން،" ހަނާ ބުންޏެވެ.

ހަނާ ބުނީ އެގޮތަށް މުއްރަތު މަންމަގެ ގޭގެ ވާހަކަ ދައްކަން ތިބުމަށްފަހު، ގިނައިރުތަކެއް ވެ ނަޖީބަށް ލަސްވާތީ، މުއްރަތުގެ މަންމަ އަދިވެސް ގެއަށް ނާދޭހޭ ނަޖީބު އެހި ކަމަށެވެ. ދެން މުއްރަތުގެ މަންމަ ކޮބައިތޯ ބަލަން މުއްރަތު ތިރިއަށް ފޭބީ ކަމަށާއި، އޭގެ ފަހުން ކޮޓަރި ތެރޭގައި ތިބީ ހަނާ އާއި ނަޖީބު އެކަނި ކަމަށެވެ. އެވަގުތު ކޮޅުގައި، ނަޖީބުގެ ފަރާތުން ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވި ކަމަށާއި، ވާހަކަ ދެއްކުމުގެ ތެރޭގައި ހަނާގެ ފައިގައި ނަޖީބު ކޮއްޓައި ހެދި ކަމަށްވެސް ހަނާ ބުންޏެވެ.

"އެވަގުތު ކޮޓަރި ތެރޭގައި ތިބީ އަޅުގަނޑާ ނަޖީބާ ދެމީހުން، ދެން މުއްރަތު ދިއުމުން ނަޖީބުގެ ފަރާތުން އަޅުގަނޑަށް ވަރަށް އުނދަގޫ ވާ ކަންތައްތަކެއް ދިމާވީ، ފުރަތަމަ ނަޖީބުގެ ބެލުން ހުރިގޮތް ވެސް އަޅުގަނޑަކަށް ކަމަކު ނުދިޔަ، އަޅުގަނޑަށް ޔަގީން ކުރެވުނު ނަޖީބުގެ އިންޓެންޝަން ރަނގަޅު ނޫން ކަން، އެކަމާ ހެދި އަޅުގަނޑުހުރީ ވަރަށް ބޮޑަށް އަން އީޒީ ވެފަ. ދެން ވާހަކަ ދައްކަމުންގޮސް ނަޖީބު އަޅުގަނޑުގެ ފައިގަ ކޮށްޓާވެސް ހެދި ދެން އަޅުގަނޑާ ދިމާލަށް ބުނީ އަޅުގަނޑަށް ހުންނަނީ ފަނޑިތަ ހަދާފައޭ، އަޅުގަނޑާއި މުއްރަތުއަކާ ނޫޅެވޭނެއޯ އެއްކޮށެއް،"

އެއަށްފަހު ހަނާއާ އެވާހަކަ ދައްކަން ބޭނުންވަނީ އެކަނި ކަމަށާއި، އެހެންކަމުން ވަކިން ނަޖީބާ ބައްދަލު ކުރަން ހަަނާގެ ކިބައިން ނަޖީބު އެދުނު ކަމަށްވެސް ހަނާ ބުންޏެވެ.

އެހިސާބުން ނަޖީބުގެ ކަންތައް ހުރިގޮތުން، އެކަނި ނަޖީބު ކައިރީގައި އިނުން ރަނގަޅުކަމަށް ނުފެންނާތީ، މުއްރަތު ކޮބައިތޯ ބަލަން ކަމަށް ބުނެ ހަނާ ތިރިއަށް ފޭބި ކަމަށާއި، އޭރު ތިރީގައި ސިނގިރޭޓެއް ބޯން ހުރި މުއްރަތު ކައިރީގައި، ނަޖީބު ދެއްކި ވާހަކަތަކާ ކަންކުރި ގޮތް ކިޔައިދިނީ ކަމަށްވެސް ހަނާ ބުންޏެވެ.

"އަޅުގަނޑު ބުނިން މުއްރަތު ކައިރީގަ ނަޖީބު މިހެންމިހެން ކަންތައް ކޮށްފިއޭ، އަޅުގަނޑަށް ވަރަށް އުނދަގޫވެއޭ، އޭނާ އަޅުގަނޑުގެ ގައިގައި އަތްލާވެސް ހެދިއޭ، އޭނަ ބަލަނީކީވެސް ރަނގަޅަކަށް ނޫނޭ، އަޅުގަނޑަށް އުނދަގޫވެއޭ، ވަރަށް ފްލޯޓީކޮށޭ ވާހަކަދެއްކީ،" ހަނާ ބުންޏެވެ.

ހަނާ އިތުރަށް ބުނީ، އެވާހަކަ މުއްރަތަށް ކިޔައިދިނުމުން، ހަނާ ކައިރީގައި މައްޗަށް ދާށޭ ބުނުމަށްފަހު، މުއްރަތު ކޮޓަރިއަށް އައީ ވަޅިއެއް ހިފައިގެން ކަމަށެވެ. އަދި އެވަޅި ނަޖީބުގެ ކަރުގައި ޖެއްސުމަށްފަހު، ހަނާއާ ދޭތެރޭ އެގޮތަށް ކަންތައް ކުރީ ކީއްކުރަންތޯ ސުވާލު ކުރުމަށްފަހު، ކޮޓަރިތެރޭގައި އޮތް ޓޭޕްރޯލް ގެނެސް ނަޖީބުގެ އަނގަމަތީގައި އެޅުމަށް މުއްރަތު ބުނި ކަމަށެވެ.

އެވަގުތު ބިރުގެންފަ ހުރިވަރުން މުއްރަތު ބުނިގޮތަށް ނަޖީބުގެ މޫނާއެކު ޓޭޕް އެޅި ކަމަށާއި، އެގޮތުން ނަޖީބުގެ މޫނާއި، އަނގަ މައްޗާއި ލޯމަތީގައި ޓޭޕް އެޅި ނަމަވެސް ނޭފަތުގައި ޓޭޕް ނަޅާ ކަމަށާއި، ޓޭޕް އެޅީ ނޭވާ ލެވޭ ގޮތަށް ކަން ހަނދާން އެބަހުރި ކަމަށްވެސް ހަނާ ބުންޏެވެ.

އެއަށްފަހު ނަޖީބުގެ ވޮލެޓު ނަގައި، ކާޑުގެ ޕިން ނަމްބަރު އޭނާ އަތުން ހޯދައިގެން އޭޓީއެމަށް ގޮސް ފައިސާ ނަގައިގެން ކާއެއްޗެއްސާއި ރާ ގަނެގެންގޮސް ބުއީ ކަމަށް ވެސް ހަނާ ބުންޏެވެ.

"ޓޭޕް އެޅުމަށްފަހު، ބުނީ ވޮލެޓް ކޮބައިހޭ ދޭށޭ، ނަގާށޭ، ދެން މުއްރަތު ވޮލެޓް ނަގައިފަ ބުނީ އޭގެ ޕިން ނަންބަރު ދޭށޭ ޕިން ނަމްބަރު ދިނީމަ އަޅުގަނޑާއި މުއްރަތާ ދިޔައީ އައިޖީއެމްއެޗް ތެރޭގަ ހުރި އޭޓީއެމްއަށް އޭގެން ލާރި ނެގުމަށްފަހު ކާއެއްޗެއްސާ ރަލާ ގަނެގެން ދިޔައީ ގެއަށް ގެއަށް ދިއުމަށްފަހު އަޅުގަނޑާ މުއްރަތާ ރާބޮއިގެން އަޅުގަނޑަށް ނިދުނީ،"

ހަނާ ބުނީ، ރާބޮއިގެން ނިދުމަށްފަހު ދެން ހޭލެވުނީ އޭގެ އަނެއްދުވަހު ހެނދުނު މުއްރަތު ގޮވަނިކޮށް ކަމަށާއި، ނަޖީބު މަރުވެއްޖެކަމަށް މުއްރަތު ބުނީ އެހިސާބުން ކަމަށްވެސް ހަނާ ބުންޏެވެ.

"މުއްރަތު ވަރަށް ހާސްވެގެން އަޅުގަނޑަށް ގޮވަނީ، ގޮވާފަ ބުނަނީ މުއްރަތު އަތުން ނަޖީބު މަރުވެއްޖެއޭ، އަޅުގަނޑުވެސް ވަރަށް ހާސްވި އެއީ އެއްވެސް އިރެއްގައި އަޅުގަނޑުގެ އިންޓެންޝަނެއް ނޫން ނަޖީބު މަރައިލުމަކީ، މުއްރަ ބުނީ އޭނާ ހަޅޭއްލަވާ އަޑުގަދަ ކުރުމުންނޯ އެހެއް ކަންތައްވީ، ދެން އަޅުގަނޑު ބުނީ ކިހިނެއްހޭ ހަދާނީ، އެވަގުތު އަޅުގަނޑުވެސް ވަރަށް ހާސްވި، މުއްރައަކީ އޭރުގަ ދުވަސް ވަންދެން އުޅުނު މީހެއް ކަމަށްވާތީ އޭނާ އެގޮތަށް ހާސްވެގެން ރޯންފެށިމާ، ދެން އެހިސާބުން ބޮޑީ ޑިސްޕޯސް ކޮށްލަން ވާހަކަ ދެއްކީ،"

ހަނާ ބުނީ އެ މައްސަލައިގައި ނަޖީބު މަރައިލިކަމަށް އެއްބަސްވީ، އޭރު ކަންތައް ދިމާވިގޮތުން، ނަޖީބު މަރުވީ އޭނާގެ ސަބަބުން ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ. ނަމަވެސް ފަހުން ވިސްނައިލުމުން ނަޖީބު މަރައިލީ އޭނާ ނޫން ކަން އެނގޭ ކަަމަށާއި އެކަންކަމުން އެކަން ޝަރީއަތަށް ސާފުކޮށްދޭ ކަމަށްވެސް އޭނާ ބުންޏެވެ.

"ވަރަށް ގިނަ މީހުންވެސް އަޅުގަނޑާ ކުރާ ސުވާލެއް އެއީ ކީއްވެތޯ އަޅުގަނޑު އިއުތިރާފުވެފަ އޭނީ، އަސްލު އެކަންތައް ވީ ގޮތަކީ، އޭރު ކަންތައްތައް ދިމާވި ގޮތުން އަޅުގަނޑަށް ބިލީވް ކުރެވިފަ އިނީ އެއީ އަޅުގަނޑަށް، ކުރެވިފަ އިން ކަންތައްތަކުން، އެހެން ކަންތައް ދިމާވީ އަޅުގަނޑާ ހެދިއޭ، އެ ސަބަބަކީ އަޅުގަނޑު މުއްރަތު ކައިރީގައި އެވާހަކަ ކިޔައިގެން އޭނަ ކަންތައް ކުރި ގޮތް، ޕްލަސް އަދި މުއްރަތު ބުނެގެން އަޅުގަނޑު ޓޭޕް އަޅައިފަ އެއަށްފަހު ބޮޑީ ޑިސްޕޯސް ކޮށްލަން ވެސް ބައިވެރި ވެވުނީމަ، އެ ހުރިހާ ކަންތައްތަކާ ހެދި އަސްލު އަޅުގަނޑަށް އެގޮތަަށް ގަބޫލު ކުރެވުނީ، އަސްލު އެގޮތަށް ގަބޫލު ކުރެވުނީވެސް އަޅުގަނޑު ބަންދަށް ދިޔަފަހުން، އަމިއްލަ ސެލްފް ބްލޭމް ކުރެވުނީ، އެހެން ކަންތައްތައް ވެފަ އިނީމަ އެކަން އަސްލު ވިސްނާލާއިރު އެނގޭ އަޅުގަނޑަށް މިހާރު އައިސްފަ އިންނަ ސެންޓެންސަކީ އަޅުގަނޑަށް ޑިޒާވް ވާ ސެންޓެންސެއް ނޫންކަން އެވަރަށް އަޅުގަނޑު ބިލީވް ކުރަން،" ހަނާ ބުންޏެވެ.