މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި، ތަހުގީގު ކުރަމުން އަންނަ މާރާމާރީ މައްސަލައަކާ ގުޅިގެން އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މިމީހާއަކީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހާ އަށް އަނިޔާވެފައިވަނީ ބަށިމާގޭ ކައިކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ ކައިރީގައި ދެ މީހަކު ވެގެން ހިންގި މާރާމާރީއެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެއީ ބިދޭސީއެއް ކަމަށާއި ނަމަވެސް އެއީ ކޮން ގައުމެއްގެ ކާކު ކަން، މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ކިޔައިދީ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099 އެވެ.

އާންމުކޮށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެނީ މާރާމާރީ ހިންގާ މީހުން ހޯދުމަށެވެ. ނަމަވެސް މިފަހަރު ފުލުހުން އާންމުންގެ އެހީތެރިކަމަށް މި އެދުނީ އަނިޔާވި މީހާ ހޯދުމަށެވެ.