މި އަހަރުގެ ފަތުރުވެރިކަން އެންމެ ދަށް ވާނެ ކަމަށް ބެލޭވޭ ލޯ ސީޒަން، އެހެން އަހަރުތަކާ އަޅައި ބަލާއިރު ތަފާތުވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓީވީ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ސަބަބުން ޓުއަރިޒަމް ރަނގަޅު ވެ ހެޔޮބަދަލުތަކެއް އަންނާނެ ކަމަށެވެ.
ކޮވިޑުން ރާއްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް، ރާއްޖެއިން ލުއިތަކެއް ދިނުމަށް ނިންމާފައި މިވަނީ ލޯ ސީޒަނާއި ދިމާކޮށްކަން ފާހަގަކުރައްވައި ޑރ. މައުސޫމް ވިދާޅުވީ، އެކަމުގެ ސަބަބުން މި އަހަރުގެ ލޯ ސީޒަނުގައި ފަތުރުވެރިކަން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދުކުރަނީ މި އަހަރުގެ ލޯ ސީޒަން ރާއްޖޭގެ އެހެން ލޯ ސީޒަންތަކާއި އަޅައި ބަލާއިރު ތަފާތު ވާނެ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ލޯ ސީޒަން އަޅުގަނޑުމެން ލޯ ސީޒަނަކަށް ކިޔާކަށް ނުޖެހޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ކޮވިޑުން ރާއްކެތެރިވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލައި ކަރަންޓީނުވުމެއް ނެތި ރާއްޖެ އާދެވޭ ގޮތް ސަރުކާރުން ހެދުމުން، ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ފަތުރުވެރިން ވެސް މަރުހަބާގެ މެސެޖުތައް އޮއްސާލި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ޕީސީއާރު ޓެސްޓް ހެދުން ފަސޭހަ ވެފައި އަގު ހެޔޮ ނަމަވެސް ބޭރުގެ ގިނަ ގައުމުތަކުގައި އެ ޓެސްޓް ހަދަން އުނދަގޫވެފައި އަގު ވެސް ބޮޑު ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މި ބަލަނީ. މިހާރު ހުރި ނަންބަރުތައް އިރާދަކުރެއްވިއްޔާ ޖަމްޕެއް ޖަހާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ވެކްސިން ޓުއަރިޒަމްއާ އެކު އެންމެ ގިނައިން އަންނާނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަން ފާހަގަކުރައްވައި ޑރ. މައުސޫމް ވިދާޅުވީ، އެ ގައުމުގެ ގިނަ ފަތުރުވެރިންތަކެއް ބުކިން ހައްދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އަހަރު ނިމޭއިރު ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ތިން ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް