ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރައިލުމުގެ ކުށުގައި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަން ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން އެ ކޯޓުގައި ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ 11:00 އަށެވެ.
ސުޕްރީމް ކޯޓުން މި މައްސަަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ އިސް ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ.
އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކު ޕްރޮސިކިއުޓާ ވިދާޅުވީ، ނަޖީބުގެ މަރުގެ މައްސަލައިގައި ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާ ކަމަށެވެ.
ހަނާގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ ނަޖީބު މެރިކަމަށް ހަނާ ވެފައިވާ އިއުތިރާފުގެ މައްޗަށާއި ހެއްކާއި ހެކިންގެ ހެކިބަހާއި އެހެނިހެން ގަރީނާތަކަށް ބިނާކޮށް ކަމަށާއި އެ ހެކިތަކުން ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝުބުހެއް ނެތް މިންވަރަށް ހަނާގެ މައްޗަށް ސާބިތުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ނަޖީބު މަރައިލީ އެ މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ކަމަށްވާ މ. މަސްރޫރާ، އަހުމަދު މުއްރަތު ކަމަށާއި ހަނާ ކުރި ކަމަކީ ނަޖީބުގެ އަތާއި އަނގަމަތީގައި ޓޭޕު އެޅުން ކަމަށާއި ނަޖީބު މެރުމަށްފަހު އެކަން ސިއްރު ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ހަނާ އިއުތިރާފު ވެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި އެކަން ހިނގި ރޭ ނަޖީބު މ. މަސްރޫރާ ގެއަށް ގެންދިޔައީވެސް ހަނާކަމަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ދިފާއުގައި ވަކީލަކު ބޭނުން ކުރުގެ ތަނަވަސްކަން ނެތުމުން މައްސަލަ ރައްދުވާ ހަނާއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސަވައިދެއްވައިފަ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ހަނާ ބައިވެރިވެފައިވަނީ މާފުށީ ޖަލުންނެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ހަނާގެ ދިފާއީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދަށު ކޯޓުގައި ޝރީއަތް ނިންމާފައިވާ ގޮތް ބަލާއިރު، ހަނާއަށް ގާނޫނުން ލާޒިމުކުރާ ބައެއް ހައްގުތައް ލިބިދީފައި ނުވާ ކަމަށެވެ.
އެގޮތުން ދިފާއުގައި ވަކީލަކު ބޭނުން ކުރުމުގެ ހައްގު އޮންނަކަން ޝަރީއަތުގެ މަޖިލީހުގައި ދައުވާ ރައްދުވާ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު ހަނާއަށް އެ ހައްގު އޮތްކަން ޝަރީއަތުގެ މަޖިލީހުގައި އަންގާފައި ނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
އެ މައްސަލައިގައި ނަޖީބު މެރުމުގެ އަމަލެއް ހަނާގެ ފަރާތުން ހިންގާފައިވާ ކަން ސާބިތު ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ހަނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ހުކުމް އަންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ ފޭރުމުގެ އަމަލު ހިންގުމަށް ނަޖީބަށް ބިރު ދައްކައި އެކި ކަންތައްތައް ހަނާ ކުރި ނަމަވެސް ގަސްތުގައި ނަޖީބު މެރުމުގެ އަމަލެއް ހަނާ ހިންގާފައި ނުވާ ކަމަށެވެ.
އެ މައްސަލައިގައި 19 ޖުލައި 2012 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މަސްރޫރާ ގޭގައި ހަނާ އާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް އެ އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާ އާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މަސްތުވާތަކެތި ގަނެފައިވާ ކަމަށެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު ހަނާ އާއި މުއްރަތު ވަޅިން ނަޖީބަށް ހަމަލާދީ މަރާލާފައިވާކަން މުއްރަތު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ނަޖީބު ބަނުމުގައި އެހީތެރިވެފައި ވާނެކަމަށް ޝަރީއަތުގައި ހަނާ ވެފައިވާ އިއުތިރާފަށް ބަލާއިރު އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ ހުކުމްގައި ބުނަނީ ނަޖީބުގެ މަރުގެ ބަދަލުގައި މުއްރަތާއި ހަނާގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށް ނަޖީބުގެ ވާރިސުން ބުނެފައިވާތީ ޝަރުއީ ހަމަތަކުގެ މަތިން މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑަޅައި އިސްލާމީ ޝަރީއަތުގައިވާ ގޮތުން މުއްރަތާއި ހަނާ މެރުމަށް ހުކުމް ކުރީ ކަމަށެވެ.
ހުކުމް ކުރުމުގެ ކުރިން އެ މައްސަލަ ބެއްލެވި، ކުރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު ވަނީ އެ މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ޝަރީއަތަށް އިއްވަވައިފަ އެވެ.
މި މައްސަލައިގައި މުއްރަތުގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
ސުޕްރީމް ކޯޓް