ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފުލެޓްތަކުގެ ގުރުއަތުލުން ދެން ކުރިއަށް ގެންދަން ނިންމާފައިވަނީ ފުލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓު ލިބޭ ވަރަކުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ފުލެޓްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓެގަރީ ނުވަތަ އެޗް-10 ކެޓެގަރީގެ ގުރުއަތުލުން މިމަހުގެ އަށް ވަނަ ދުވަހު ވަނީ ބާއްވައިފައެވެ. އެ ފުލެޓްތަކުގެ އެގްރީމެންޓުގައި ސޮއިކުރުމާއި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ، ހިޔާ ފުލެޓްތަކުގެ ގުރުއަތުލުން ދެން ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ދެން ގުރުއަތުލުން ކުރިއަށް ދާނީ ހުރިހާ ކެޓެގަރީއެއް އެއްކޮށް ކަމަށް ވިދާޅުވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ، އެޗް-10 ކެޓެގަރީގެ ގުރުއަތުލުން ވަކިން ކުރިއަށް ގެންގޮސްފައިވަނީ އެ ކެޓެގަރީން ފުލެޓް ލިބުނު ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެފައި އެ ފަރާތްތަކަށް ވަކި ފްލޯތަކެއް ހާއްސަކޮށްފައި ހުރުމުން ކަމަށެވެ.

ގުރުއަތުލުމާ ގުޅޭގޮތުން އިތުރު ތަފުސީލު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ފައިނަލް ލިސްޓު މިހާތަނަށް ލިބިފައިވަނީ ހަމަ އެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓެގަރީން ކަމަށާއި ބާކީ ހުރި ކެޓެގަރީތަކުގެ ފައިނަލް ލިސްޓު ލިބުމުން ނޫނީ ގުރުއަތުލުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އާންމުކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ފުލެޓް ހަވާލުކުރުމުގެ ކުރިން އެ ލިސްޓަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ބަލައި ލިސްޓު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ފުލެޓުގެ ތަޅުދަނޑި މިމަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ.