ބައެއް މީހުން ދެކެނީ ރޯދަ މަހަކީ ކުޅިވަރާއި ކެއުމުގެ މަހެއް ކަމަށާއި މިމަހުގެ މާތްކަން އެމީހުން ނުދަންނަ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންގެ ހާލާ މެދު ހިތާމަކުރަން ޖެހޭ ކަމަށާއި އެބައިމީހުން ވަނީ އާހިރަތާ މެދު ޣާފިލުވެފައި ކަމަށެވެ.
"ރަމަޟާން މަހަކީ ކިހާ މަތިވެރި މަހެއް ކަން އެބައިމީހުން ނުދަނެއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ. އެބައިމީހުންނަށް ވަނީ ރޯދައިގެ މަގުސަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުންވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފުކުރުމާއި ވަގުތު ބޭކާރުކުރުން އިތުރުވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ރޯދަވެރިޔާ ރޯދައަށް ހުންނަ އިރު، އެ ހުންނަނީ މަތިވެރި އަޅުކަމެއްގައި ކަމަށާއި ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުއާ ރޯދަވެރިޔާއަށް ލިބިލިބި ހުންނާނެ ކަމަށެވެ. އަދި ރޯދަވެރިޔާގެ ދުއާއަކީ ﷲ ތައާލާގެ ހަޟްރަތުގައި ގަބޫލުވެވިގެންވާ ދުއާއެއް ކަމަށް ވެސް ބުނެފައިވެއެވެ.
"ވަކިން ހާއްސަގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުއާއެވެ. ރަމަޟާން މަހަކީ ގުރުއާނުގެ މަހެވެ. އެ މަހެއްގައި ކީރިތި ގުރުއާން ބާވާލެއްވި ޝަރަފުވެރި މަހެވެ. އެހެންކަމުން ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބުންނާއި އޭގެ ފަހުން ވަޑައިގެންނެވި މި އުންމަތުގެ ހެޔޮ ބޭފުޅުން ރަމަޟާން މަހުގައި ކީރިތި ގުރުއާނަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ. އެފޮތް ކިޔެވުމަށާއި އުނގެނުމަށާއި އުނގަންނައިދެއްވުމަށް ހުސްވެވަޑައިގެންނެވިއެވެ. އެއީ އެހެން މަސްމަހަށް ވުރެ ރަމަޟާން މަހު، ގުރުއާން ކިޔެވުމުގެ ދަރުމަ އާއި ސަވާބު ބޮޑުވީމައެވެ. ރަސޫލާ އާއި ޖިބްރީލުގެފާނާ ދެބޭކަލުން ކޮންމެ ރަމަޟާން މަހަކު ކީރިތި ގުރުއާން އެއްކޮޅުން އަނެއްކޮޅަށް މުރާޖައާ ކުރެއްވިއެވެ. ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރު މުރާޖައާ ކުރެއްވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަސް ކަމަށާއި އީމާންކަންމަތީ ދަރުމަޔާއި ސަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ހަބަރު ނަބިއްޔާ ދެއްވާފައިވާ ކަމަށެވެ.
"ހަމަ އެ ޝަރުތާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާ މީހާ ވެސް ހަމަ އެފަދައެވެ. އޭނާގެ ފާފަތައް ވެސް ފޮހެވިގެންދާނެއެވެ. ބޮޑެތި ފާފަތައް ފިޔަވައެވެ. ބޮޑެތި ފާފައަކަށް އަރައިގަނެފައިވާ މީހާ، އެކަމަށް ތައުބާވާން ޖެހޭނެއެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތް ކުރައްވާފައިވާ އިރު، ރޭގަނޑުގެ ވަގުތުތައް ވެސް ވަނީ މާތް ކުރައްވައިފައެވެ. އެ މާތްކަމަށްޓަކައި ރޭ އަޅުކަން ކުރުން ޝަރުއު ކުރެއްވިއެވެ. އަދި ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ބަރަކާތްތެރި ލައިލަތުލް ގަދުރު ވިލޭރޭ ލެއްވިއެވެ. އެއީ އެއް ހާސް މަހަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ މި ރަމަޟާން މަހާ ބައްދަލުވުމަކީ ކުރިއަށްއޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަގީންވާ ކަމެއް ނޫން ކަމަށާއި މި މަހަކީ ބައެއް މީހުންގެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ވެސް ވެދާނެ ކަމަށެވެ.
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ