ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭ މަތިން އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:00 ހާއިރު ހައިވޭ މަތިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި އެއް ސައިކަލު މަޑުނުކޮށް ފިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މަޑުނުކޮށް ދިޔަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ އިރު، އޭނާގެ އަތުގައި އެ ކެޓަގަރީގެ ލައިސެންސް އޮންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ އިރު، އިރުއޮއްސެނިކޮށް ވެސް ހަމަ އެ ހައިވޭ މަތިން ވަނީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައެވެ. އަދި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ މަންޒަރު "ވަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.