ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެއްސެވުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ރޭ މާލެ ގެނައިކަން އަންގާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ރޭ މާލެ ގެނައި ކަމެއް އަދި އަނބުރާ ގެންދިޔަ ކަމެއް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަކީލުންނަށް އަންގާފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތާ ހަމައަށް ވެސް ކަރެކްޝަންސް އިން ވަކީލުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެކަން ފާހަގަކުރައްވައި، ފާޑުވިދާޅުވެފައެވެ.

ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވަނީ، ކުއްލި ގޮތަކަށް ރައީސް ޔާމީން ރޭ މާލެ ގެނައި އިރު އާއިލާގެ އިތުރުން ވަކީލުންނަށް ނޭނގީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ރައީސް ޔާމީން ރޭ މާލެ ގަނައުމުގައި އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، އެމަނިކުފާނާ މެދު ކަންތައް ކުރީ އިހާނެތިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ކުއްލިއަކަށް ރޭ މާލެ ގެނައި އިރު އާއިލާ/ވަކީލުންނަށް ނޭނގީ ކީއްވެ؟ މި މާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައް ކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލަން،" ޖަމީލު ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ "ވަން" އަށް މައުލޫމާތު ދިން ގޮތުގައި ރައީސް ޔާމީން މާލެ ގެނައީ، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށެވެ. ނަމަވެސް ރައީސް ޔާމީން ކޮވިޑް ވެކްސިން ޖެއްސެވުމަށް ވަނީ ދެކޮޅު ހައްދަވައިފައެވެ.

ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން އިންކާރު ކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.