ހައިކޯޓު

ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ، އިއުތިރާފު ބަޔާން ބަލައިނުގަތް މައްސަލަ ހައިކޯޓުން ބާތިލުކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގައި ތ.ދިޔަމިގިލި ގިނަމާގެ، މޫސާމަނިކުގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި އޭނާގެ އިއުތިރާފު ބަޔާން ޕްރޮސިކިއުޓާޖެނެރަލް އޮފީހުން ހުށަހެޅުމުން، އެއީ ހެއްކެއްގެ ގޮތުގައި ބަލައި ނުގަތުމަށް ތ. ދިޔަމިނގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލު ކޮށްފިއެވެ.

އެ މައްސަލަ ސާބިތު ކުރުމަށް މައްސަލައިގެ ތަހުގީގަށް މޫސާ މަނިކު ދީފައިވާ އިއުތިރާފު ބަޔާނާއި، އިންޓަވިއު އޯޑިއޯ ވީޑިއޯ ރެކޯޑިން ހެއްކެއްގެ ގޮތުގައި ދިޔަމިގިލީ ކޯޓަށް ޕީޖީގެ ފަރާތުން ހުށަހެޅީ، މައްސަލައިގެ އިބުތިދާއީ ބަހުސްގައި މައްސަލަ ރައްދުވާ ފަރާތުން މައްސަލައަށް އިންކާރު ކުރުމުންނެވެ.

ނަމަވެސް މޫސާމަނިކުގެ ދިފާއުން ކޯޓުގައި ބުނެފައި ވަނީ، ތަހުގީގުގެ މަރުހަލާގައި މޫސާ މަނިކަށް ވަކީލެއްގެ ފުރުސަތު ދީފައި ނުވާތީ، އެ މައްސަލައިގައި މޫސާމަނިކުގެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ބާތިލު ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނާނެ ކަމެއް ކަމަށް ވާތީ، އެސަބަބަށް ޓަކައި ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި މޫސާމަނިކުގެ އިއުތިރާފު ބަޔާން ބަލައި ނުގަތުމަށް، ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، މޫސާ މަނިކު އިއުތިރާފުގެ ބަޔާނާއި އޯޑިއޯ ވީޑިއޯ ރެކޯޑިން ނަގާފައިވަނީ ވަކީލެއްގެ ހާޒިރުގައި ނޫންކަން އެނގެން އޮންނަ ކަމަށެވެ.

އެ ބަޔާނަކީ 27 އޯގަސްޓް 2020 ގައި ނަގާފައިވާ ބަޔާނެކެވެ. އޭރު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތަކަކީ ޖިނާއި ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނިފައެއް ނުވެއެވެ.

އެފަދަ ކުށް ތަކަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅީ އޭގެ ފަހުން 22 ސެޕްޓެމްބަރު 2020 ގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުންނެވެ.

ނަމަވެސް މޫސާމަނިކުގެ ބަޔާން ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުން ބަލައި ނުގަތް ސަބަބެއްގެ ގޮތުުގައި ބަޔާންކޮށްފައި ވަނީ ވަކީލެއްގެ ހައްގުން މޫސާ މަނިކު މަހުރޫމު ކޮށް ބަޔާން ނެގުމެވެ.

މި މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކުރި ހުމްގައި ބުނެފައި މޫސާ މަނިކުގެ ބަޔާނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުށްތައް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ނަގާފައިވާ ބަޔާނަކަށް ވާތީ ކޯޓުން ވެސް ބަލަން ޖެހޭނީ އެގޮތަށް ކަމަށެވެ.

އެހެންކަމުން މޫސާ މަނިކުގެ އިއުތިރާފު ބަޔާނާއި، އިންޓަވިއު އޯޑިއޯ ވީޑީއޯ ރެކޯޑިންގ ނެގިއިރު އެއީ ދައުލަތުން ވަކީލަކު ހަމަޖައްސަން ޖެހޭ ފަދަ މައްސަލައެއް ނޫންކަ ކަމަށް ބަލަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުގެ މަތީން މޫސާމަނިކުގެ މައްޗަށް ކުރާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާތަކާ ގުޅިގެން ހުށަހެޅުނު ހެކިތަކުގެ ތެރެއިން މޫސާމަނިކު 27 އޯގަސްޓް 2020 ގައި ފުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނާއި، އިންޓަވިއު އޯޑިއޯ ވީޑިއޯ ރެކޯޑިން އަކީ ސައްހަ އިޖުރާއަތުގެ ދަށުން ދީފައިވާ ބަޔާނެއް ކަމުން، އެ ހެކިތަކަކީ އެ ކޯޓުން ބަލައިގަންނަން ޖެހޭ ހެކިތަކެއް ކަމަށް ވެސް ހައިކޯޓުން ބުނެފައިވެއެވެ.

އެހެންކަމުން މޫސާމަނިކުގެ ބާޔަން ހެއްކެއްގެ ގޮތުގައި ބަލި ނުގަތުމަށް ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށް ހައިކޯޓުން ހުކުމް ކުރިއެވެ.