މާލޭގައި ކުނި ނަގަން ރަޖިސްޓްރީކޮށްފައި ވަނީ 19،000 ގޭބިސީއިން ކަމަށް ވެމްކޯއިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެކްމޯގެ މެނޭޖިމް ޑިރެކްޓަރު، އާދަމް މުހައްމަދު ރޭ ވިދާޅުވީ، ރަމަޟާން މަހަކީ އާންމު ގޮތެއްގައި ގޭބިސީތަކުން ގިނަ އަދަދެއްގެ ކުނި ނެރޭ މަހެއް ކަމަށާއި އެހެންކަމުން ގޭބިސީތަކުން ނެރޭ ކުނި ހަތަރު ގުނަ އިތުރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ލޯޑް ބޮޑުކޮށް މިދަނީ. ހާރުކާންވާއިރަށް ކިރިޔާ މަސައްކަތް ނިންމާލެވެނީ" އާދަމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ، މާލޭގެ ގިނަ ގޭބިސީތަކަކީ ރަޖިސްޓްރީ ނުކޮށް ވެމްކޯގެ ހިދުމަތް ހޯދާ ގޭބިސީތައް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"19،000 ހައުސްހޯލްޑުން އިނގޭތޯ ރަޖިސްޓާކޮށްފައި އޮތީ، އަނެއް 50 ޕަސަންޓް މީހުން ރަޖިސްޓާވެސް ނުކުރައްވާ. 50،000 ހައުސްހޯލްޑުން އުޅޭއިރު 34،000 ހައުސްހޯލްޑް އެބައުޅޭ ރަޖިސްޓްރީ ނުކުރައްވާ" އާދަމް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ވިދާޅުވީ، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. ވެމްކޯއަކީ ވެސް އެތައް މުވައްޒަފުންނެއް ގެންގުޅޭ ތަނަކަށް ވުމުން އާމްދަނީ ދަށް ވާތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"34،000 ހައުސްހޯލްޑް ލައިގެން ކަލެކްޓް ކުރަންޏާ ގާތްގަނޑަކަށް 6.2 މިލިއަން ރުފިޔާ ކަލެކްޓް އެބަ ކުރެވޭ. މިހާރު މި ކަލެކްޓް ކުރެވެނީ 1.5 މިލިއަން ރުފިޔާ" އާދަމް ވިދާޅުވިއެވެ.
އާދަމް ވަނީ ރަމަޟާން މަހުގައި ވެމްކޯއިން ކުނި ނެރެން އަންގާފައިވާ ގަޑިތަކުގައި ކުނި ނެރެން އިލްތިމާސްކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު