މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ހަ ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނައި ދިނުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އަލުން ގުނައި ދިނުމަށް އެދިފައިވާނީ މާލެ ސިޓީގެ ހަ ދާއިރާއެއްގެ ވޯޓު ފޮއްޓެއް ކަމަށެވެ. އެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ އެ ދާއިރާތަކުގެ ބާތިލު ވޯޓު އިތުރުވުމުން ކަމަށާއި އެހެންކަމުން އެ ވޯޓު ފޮށިތައް މަސްލަހަތު ހުރި ހުރިހާ ފަރާތްތަކުގެ ހާޒިރުގައި އަލުން ގުނުމުން ބާތިލު ވޯޓު މަދުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

  • - މެދު ހެންވޭރު
  • - ހެންވޭރު ދެކުނު
  • - ހެންވޭރު ހުޅަނގު
  • - މައްޗަންގޯޅި އިތުރު
  • - މާފަންނު އުތުރު
  • - މާފަންނު ހުޅަނގު

"ގުނައި ދެއްވުމުގައި އަމާންކަމާއި އޮމާންކަމާއި އެކީގައި އިންތިހާބެއް ނިންމާފައި ވޯޓު ގުނާ މަރުކަޒެއްގައި އެކަން ކުރާ ގޮތަށް އެކަން ކޮށްދެއްވުމަށް މި އެދެނީ،" ހަސަން ލަތީފު ވިދާޅުވިއެވެ.

ކައުންސިލު އިންތިހާބާ ގުޅިގެން 89 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ނަތީޖާއަށް އަސަރު ކޮށްފާނެ ފަދަ ޝަކުވާތައް ވެސް އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޝަކުވާތަކުގެ ތެރޭގައި ބާތިލު ވޯޓު ގިނަވުމާއި ދެ ކެނޑިޑޭޓުންގެ ދެމެދު ފަރަގު ކުޑަވުމުން ހުށަހަޅާފައިވާ ޝަކުވާތަކެއް ވެސް އެބަހުރިކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، އެ ޝަކުވާތައް ބަލާނީ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހުގައި ކަމަށެވެ. އަދި ވޯޓު ފޮށިތައް ނުކެނޑި ނަމަވެސް ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން 18 ނަތީޖާ ޝީޓުތަކުން ސާފުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ވޯޓު ފޮއްޓެއް ހުޅުވައިގެން ކުރަންޖެހޭ ކަމެއްނަމަ އެކަން މި ވަގުތު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.