މިއަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު ހާސިލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ، މިއަހަރު 10 މިލިއަން ބެޑް ނައިޓްސް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަހަރުގެ ޖަނަވަރީ އާއި ފެބްރުއަރީ މަހުގެ ތެރޭގައި އަންދާޒާ ކުރި އަދަދަށް ފަތުރުވެރިން ނައުމުން އެކަމަށް ގޮންޖެހުންތަކެއް ދިމާވި ކަމަށް ވިދާޅުވިއެވެ.

ސީއެންބީސީއަށް މިއަދު ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދަކީ އެއް މިލިއަން ކަމުގައިވީ ނަމަވެސް، ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލައި، މިހާރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ފަތުރުވެރިން ރާއްޖެ ހޭދަކުރާ ދުވަހުގެ އަދަދުވެސް އިތުރުވަމުން އަންނަ އިރު، 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު މިއަހަރު ހާސިލުވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 44،262 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިމަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 3،405 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ އިރު، ފަތުރުރުވެރިން އެވްރެޖުކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.