ރޯޑް ސޭފްޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު އިތުރަށް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރުިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓިގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް ނިމި ބިލު މަޖިލީހަށް ބަލައިގަނޭތޯ، ވޯޓަށް އެހުމުން ބިލު ބަލައިގެންފައި ވަނީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެއްގަމު ދަތުރުފަތުރު ކުރުމާބެހޭ ގާނޫނުގެ 1-3 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މި ގާނޫނު ތަންފީޒު ކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި، އަންނަނިވި އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން އެއް މެންބަރު ހިމެނޭ ގޮތަށް "ރޯޑް ސޭފްޓީަކައުންސިލު" ގެ ނަމުގައި ކައުންސިލެއް އެކުލަވާލަންވާނެ ކަމަށެވެ.
"ރޯޑް ސޭފްޓީ ކައުންސިލް"ގައި ހިމެނޭ އިދާރާތައް:
1 އެއްގަމު ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ
2 މަގުހެދުމާއި، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ
3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
4 މޯލްޑިވްސް ޕޮލިސް ސަރވިސް
5 އެޓާނީ ޖެނެރަލްގެ އޮފީސް
6 ލޯކަލް ގަވަންމަންޓް އޮތޯރިޓީ އަދި
7 ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީ
ސަރުކާރުން މަޖިލީހަށް ބިލު ފޮނުވާފައި ވަނީ، އެއްގަމު ދަތުރު ފަތުރު ކުރުމާބެހޭ ގާނޫނުގެ 1-3 ވަނަ މާއްދާގެ (ހ) (ގެ ތިންވަނަ ނަމްބަރު އުވާލުމަށެވެ.
މި ބިލު ރއްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ރޯޑް ސޭފްޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ވެސް ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް