ޕީއެސްޖީއަކީ މިހާރު ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި، ކްލަބުން ކުރަމުން އަންނަ މަސައްކަތަށް ފުރަގަސް ދީ، ނޭމާ އާއި ކިލިއަން އެމްބާޕޭ ވެސް ކްލަބު ދޫކޮށް ދާން ނުޖެހޭނެ ކަމަށް ރައީސް ނަސެރް އަލް ހެލައިފީ ވިދާޅުވެއްޖެއެވެ.

އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލައި، ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، މެޗަށްފަހު އެންމެ ގިނައިން ދެކެވުނު ވާހަކައަކީ ނޭމާ އާއި އެމްބާޕޭގެ ކުރިމަގުގެ ވާހަކައެވެ. އެ ވާހަތަކުގެ ތެރެއިން ގޮސް، ނޭމާ ވަނީ އޭނާ ކުރިއަށް އޮތް ދިގު މުއްދަތެއްގައި ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ. ނޭމާ ބުނެފައި ވަނީ ޕީއެސްޖީގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، އާ ކޮންޓްރެކްޓްއަކާއެކު ކްލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ރައީސް ނަސެރް ވިދާޅުވެފައި ވަނީ ނޭމާ އާއި އެމްބާޕޭއަށް ކްލަބު ދޫކޮށްލަން ދައްކާނެ އެއްވެސް ބަހަނާއެއް މިހާރު ނޯންނާނެ ކަމަށެވެ.

"އަހަރެމެން ކްލަބަށް އިންވެސްޓް ކުރީ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށް، ހުރިހާ ތަށްޓަކަށް ވާދަކުރަން. ނޭމާ އާއި އެމްބާޕޭއަށް އެއްވެސް އުޒުރެއް ނުދެއްކޭނެ، ހުރިހާ މުބާރާތެއްގައިވެސް ތަށްޓަށް ވާދަކުރާ ޓީމެއް ޕީއެސްޖީއަކީ. އެހެން ކްލަބުތަކަށް އިހުތިރާމުވެސް ކުރަން. އެކަމަކު މި ބުނާ ވާހަކައަކީ ޕީއެސްޖީ ދަނީ ޔޫރަޕްގެ ރަސްކަމަށް މަސައްކަތް ކުރަމުންނޭ. އެކަމަށް އޮތް ސީކްރެޓަކީ މަސައްކަތް. އެކަން ޕީއެސްޖީން ކުރާނެ،" ނަސެރް ވިދާޅުވިއެވެ.

ނޭމާ އާއި އެމްބާޕޭގެ ކޮންޓްރެކްޓްވެސް 2022 ވަނަ އަހަރަށް ހަމަވާއިރު، ޕީއެސްޖީން އެ ކޮންޓްރެކްޓް އާކުރުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަސެރްގެ ފިލޯސަފީ އާއި ވިސްނުމަށް ބަލައި އެ ދެކުޅުންތެރިންވެސް އަލުން ކޮންޓްރެކްޓް އާކުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ނަސެރަކީ ފައިސާގެ ބޮޑެތި ހުށަހެޅުންތައް ހުށަހަޅާ ވެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.