ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުތަކުން ބަލިވި ނަމަވެސް، ޕީއެސްޖީ އާއި ޗެލްސީން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ޕީއެސްޖީން ކުޅުނު ދެވަނަ ލެގު 1-0 އިން ބަޔާން ކާމިޔާބުކުރި ނަމަވެސް، އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވެ، ޕީއެސްޖީން ސެމީ ފައިނަލް ޔަގީންކުރީ އަވޭ ގޯލުންނެވެ. ޗެލްސީން ޕޯޓޯއާ ދެކޮޅަށް ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކާމިޔާބުކުރި ނަމަވެސް، އެގްރިގޭޓުން ޗެލްސީއަށް 2-1 އިން ކުރި ލިބެނީ އަވޭ ލެގުގައި ދެ ގޯލްގެ ތަފާތަކުން މޮޅުވެފައި އޮތުމުންނެވެ.

ޕީއެސްޖީން ބަޔާންއާ ދެކޮޅަށް ޕެރިސްގައި ކުޅުނު ފޯރިގަދަ މެޗުގައި ފެނިގެން ދިޔައީ ފައިނަލެއްގެ ކުޅުމެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ބައްދަލުކުރި ދެޓީމު ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ވަރަށް ބޮޑަށް ނުރައްކާ ކުރިއެވެ. ހާއްސަކޮށް އެޓީމުގެ އެޓޭކް ލައިންގެ ބާރު ސްޕީޑް ބޭނުންކޮށް، ބަޔާންގެ ޑިފެންސަށް ބޮޑެތި ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ.

ދެ ފަހަރެއްގެ މަތިން ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާގެ ތަފާތާއެކު އެޓީމުން ޕީއެސްޖީ ހުއްޓުވިއިރު، ނޭމާގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް ވަނީ ފުރަތަމަ ހާފްގައި އަމާޒުވެފައެވެ. އެ ހަމަލާތަކަށްފަހުވެސް ލީޑު ނެގީ ބަޔާންއެވެ. އެރިކް މަކްޒިމް ޗުޕޮމޮޓިންގެ ގޯލާއެކު ބަޔާންއިން އުންމީދު އާކޮށް، ދެވަނަ ހާފަށް ނުކުމެ މަސައްކަތް ރަނގަޅުކުރި ނަމަވެސް އެޓީމަށް ދިމާވި މައްސަލައަކީ ނިންމާ ނުލެވުމެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗަށް ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޮސްކީ ނުކުމެފައި ނުވާއިރު، ބަޔާންއަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ އޭނާ ދަނޑުމަތީގައި ނެތުމެވެ.

ޗެލްސީން ރޭ ކުޅުނު މެޗުވެސް ކުޅެން ޖެހުނީ ސެވިއްޔާގައެވެ. ކޮވިޑް 19ގެ ބައެއް އުސޫލުތަކުގެ ސަބަބުން ޕޯޓޯއަށް އިނގިރޭސިވިލާތަށް އެރުވެން ނެތުމުން ރޭ ކުޅުނު މެޗުވެސް ފުރަތަމަ ލެގު ކުޅުނު ސެވިއްޔާގައި ކުޅެފައިވާއިރު، މެޗުން ފެނުނީ ޗެލްސީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ދެ ގޯލްގެ ލީޑު ދަމަހައްޓަން ކުޅުނު ތަނެވެ.

އެކަން ޗެލްސީން ކާމިޔާބުވެސް ކުރިއެވެ. ހަމަލާތައް މަދުކޮށް މެޗުގައި ފެނިފައިވާއިރު، ޕޯޓޯއަށް ގޯލް ޖެހުނީވެސް އެންމެފަހު މިނެޓުގައެވެ. މެހެދީ ތަރޭމީގެ ހިތްގައިމު އޯވަހެޑް ގޯލުން ޕޯޓޯ އެގްރިގޭޓް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ޗެލްސީން ވަނީ 2013-14 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެމީ ޔަގީން ކޮށްފައެވެ.

އެފަހަރު ސެމީން ޗެލްސީ ކެޓީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ. މިއަހަރުގެ ސެމީ ފައިނަލް ފުރުސަތާއެކު ޗެލްސީ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އެންމެ ގިނައިން ކުޅުނު އިނގިރޭސި ޓީމަށެވެ.