މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން 89 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ނަތީޖާއަށް އަސަރު ކޮށްފާނެ ފަދަ ޝަކުވާތައް ވެސް އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އީސީގެ އިންތިހާބާ ބެހޭ މައި މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ 89 ޝަކުވާގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ 21 ޝަކުވާއެއް ހިމެނޭ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ހުށަހަޅާފައި ހުރި ޝަކުވާތަކުގައި ގިނައިން ހުށަހަޅާފައި ހުރީ ހަމަ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ޝަކުވާ،" ޝަރީފު ވިދާޅުވިއެވެ.

ޝަކުވާތަކުގެ ތެރޭގައި ބާތިލު ވޯޓު ގިނަވުމާއި ދެ ކެނޑިޑޭޓުންގެ ދެމެދު ފަރަގު ކުޑަވުމުން ހުށަހަޅާފައިވާ ޝަކުވާތަކެއް ވެސް އެބަހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ޝަކުވާތައް ބަލާނީ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހުގައި ކަމަށެވެ. އަދި ވޯޓު ފޮށިތައް ނުކެނޑި ނަމަވެސް ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން 18 ނަތީޖާ ޝީޓުތަކުން ސާފުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ވޯޓު ފޮއްޓެއް ހުޅުވައިގެން ކުރަންޖެހޭ ކަމެއްނަމަ އެކަން މި ވަގުތު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދުގެ މި އެކްސަސައިޒް މި ކުރަނީ އެއްވެސް ފަރާތެއްގެ ޝަކުވާއަކާއި ގުޅިގެން ސިޔާސީ ޕާޓީއެއްގެ ޝަކުވާއަކާއި ގުޅިގެން ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ ޝަކުވާއަކާއި ގުޅިގެން ނުވަތަ އާންމު ފަރާތެއްގެ ޝަކުވާއަކާ ގުޅިގެން ހިންގާ އެކަސަސައިޒެއް ނޫން މިއަކީ. މިއަކީ ސީދާ އިލެކްޝަން ކޮމިޝަންގެ ނަތީޖާ ސާފުކުރުމުގެ ތެރޭގައި ބައެއް ޝައްކުވާ ކަންތައްތައް ހުރުމުން ނަތީޖާ ސާފުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ކޮމިޝަނުގެ މީޓިންއަކުން ނިންމައިގެން،" ޝަރީފު ވިދާޅުވިއެވެ.

އަދި ވޯޓު ފޮއްޓެއް ކެނޑުމުގެ ކުރިން އެ ވޯޓު ފޮއްޓެއްގެ މަސްލަހަތު އޮންނަ ހުރިހާ ފަރާތްތަކަށް އެކަން އެންގުމަށްފަހު މީޑިއާގެ ހާޒިރުގައި ނޫން ގޮތަކަށް އެކަމެއް ނުކުރައްވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

"އެއްވެސް ހާލައެއްގައި މި އުޅެނީ ކެނޑިޑޭޓުންނަށް ލިބިފައި ހުރި ވޯޓުގެ އަދަދު ބަލާކަށް ނޫން. މި އުޅެނީ އެ ވޯޓުގެ ނަތީޖާގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ބައެއް ހިސާބު ދިމާނުވާ ކަމަށް ވަންޏާ އަޅުގަނޑުމެނަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.