ޕްރޮފައިލް ރިޕޯޓް

އިނާޔަތު: އާއިލާއިން ވާރުތަވި ސިއްހީ ހިދުމަތުގައި 31 އަހަރު، ދުވަހަކު ސަލާމެއް ނުބުނޭ ގަޑިއެއް ނުޖެހޭ

އަލީ ޔާމިން

1

"އަޅުގަނޑު ވަރަށް ކުޑައިރު، މާމަ ގެންގުޅޭ ފޫޅުމައި ފޮށި ހުޅުވައިގެން އޭގައި ހުންނަ އެއްޗެއްސާ ކުޅޭ ހަނދާން އަޅުގަނޑު ވޭ،" އޭޑީކޭ ހޮސްޕިޓަލުގެ ޕްރެކްޓިސިން ނާސިން މެނޭޖަރު އިނާޔަތު އަލި ދީދީ، އޭނާގެ ވާހަކަ ފެއްޓެވީ ދުރު މާޒީއަކުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އެންމެ ސީނިއާ ނަރުހުންގެ ތެރޭގައި ހިމެނޭ އިނާޔަތު އަލީ ދީދީގެ މާމަ، އައިޝަތު ހުސައިން އަކީ ކުރީން ތ. ދިޔަމިގިލީ އެންމެ އިސް ސިއްހީ ހިދުމަތްތެރިޔާ އެވެ. އައިޝަތަކީ ރަށުގެ އެންމެން ގަދަރުކުރި ފޫޅުމައެކެވެ. އެއިރު ގޭގެއަށް މީހުން ވިއްސަންދާއިރު، އައިޝަތު ހުސައިން ދަނީ މާމަ ދަރިފުޅު އިނާޔަތުވެސް ގޮވައިގެންނެވެ. އެހެންވެ، އިނާޔަތަކީ މާމަގެ ހިދުމަތް ވަރަށް ގާތުން ފެނުނު ދަރިއެކެވެ. އިނާޔަތުގެ މާމައަށް ފަހު އެރަށުގެ ފޫޅުމައިކަން ކުރީ އިނާޔަތުގެ މަންމަ މަރީނާ މޫސާއެވެ. މަންމަ މަރީނާ ސިއްހީ ދާއިރާއަށް 40 ވަރަކަށް އަހަރު ހިދުމަތް ކުރި އިރު، މަންމަގެ ހިދުމަތްތަކާއި މާމަގެ ހިދުމަތްތައް ވެސް އެންމެ ގާތުން ތަޖުރިބާކުރި އެކަކީ އިނާޔަތެވެ.

އާއިލާގެ ފަރާތުން ވާރުތަވަމުން އައި ސިއްހީ ހިދުމަތުގެ މަސްއޫލިއްޔަތު މިހާރު އުފުލަމުން އަންނަނީ އިނާޔަތެވެ. އިނާޔަތު ނަރުހުންގެ ހިދުމަތަށް ނުކުތީ، މީގެ 31 އަހަރުން ކުރިން 1989 ވަނަ އަހަރު، އޭރު ސަރުކާރުގެ ރަސްމީ ހޮސްޕިޓަލް ސެންޓްރަލް ހޮސްޕިޓަލުންނެވެ. އެއިރު އޭނާގެ މުސާރައަކީ 900 ރުފިޔާއެވެ. އެ ހޮސްޕިޓަލުގެ ވަޒީފާ ދޫކޮށް، އިނާޔަތު ބަދަލުވީ ދިޔަމިގިލީގައި އަމިއްލަ ފަރާތަކުން ހިންގި ހައްވާ މަނިކެ މެޑިކަލް ސެންޓަރަށެވެ. އިނާޔަތު ކިޔައިދިން ގޮތުގައި އޭޑީކޭ ހޮސްޕިޓަލަށް ވަނުމުގެ ދަތުރު ފެށުނީ އެހާ ހިސާބުންނެވެ.

"ހައްވާ މަނިކެ މެޑިކަލް ސެންޓަރުގައި އަޅުގަނޑު މަސައްކަތް ކުރީ ޑރ. ވެލެންޓީނާއާ އެކު. އެެއީ ވަރަށް ކުޅަދާނަ ޑޮކްޓަރެއް. އެ ކްލިނިކްގެ ހިދުމަތް ހުއްޓާލުމުން ވެލެންޓީނާ އަޅުގަނޑު ގާތު ބުނީ ހިނގާށޭ މާލެ، ތިމަންނާ އޭޑީކޭއިން ވަޒީފާ ހޯދައިދޭނަމޭ. އެއިރު އައިގޮތަށް އޭޑީކޭގައި މަސައްކަތް ކުރަން ފެށީ،" އިނާޔަތު ބުންޏެވެ.

އޭޑީކޭގެ ފުރަތަމަ ސްޓާފް ނާސް

އިނާޔަތަކީ، އޭޑީކޭގެ ފުރަތަމަ ދިވެހި ސްޓާފް ނަރުހެވެ. ނަރުހެއްގެ ގޮތުގައި އޭޑީކޭއަށް ވަދެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވީ، އަވަސް މުއްދަތެއްގައި ކުރިއެރުން ލިބި ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި މެނޭޖުމަންޓުގެ އިތުބާރު އޮތް ނަރުހަކަށް ވުމެވެ. އިނާޔަތު ވަނީ އޭޑީގެ ސުޕަވައިޒަރެއްގެ މަގާމު އަދާ ކޮށްފައެވެ. އޭގެ އިތުރުން އޭޑީކޭ އައުޓް ޕޭޝަންޓް ޑިޕާޓްމެންޓްގެ ނާސިންގެ ހެޑްކަންވެސް އިނާޔަތު ކުރިއިރު އޭޑީކޭގެ ވެކްސިންގެ އެންމެހައި ކަންކަން ހިންގުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ވެސް އޮތީ އިނާޔާތު ގެ ކޮނޑުގަ އެވެ. ކޮވިޑް ވެކްސިން ޖެހުމުގެ އޭޑީކޭގެ ފޯކަލް ޕޮއިންޓަކީވެސް އިނާޔަތެވެ.

"އަޅުގަނޑު އޭޑީކޭއަށް ޖޮއިންކުރީ 1997 ވަނަ އަހަރު. އޭޑީކޭގެ ހުރިހާ ޑިޕާޓުމަންޓެއްގައިވެސް އަޅުގަނޑަށް މަސައްކަތް ކުރެވިފައި ހުންނާނީ. ޑެންޓަލް ޑިޕާޓުމަންޓްގައިވެސް ދެ އަހަރެއްހާ ދުވަހު އުޅުނިން. ޑެންޓަލްގައި އުޅެނިކޮށް ކިޔަވަން ފުރުސަތު ލިބުނީ. އެއަށް ފަހު އަނެއްކާވެސް އައިސް އަޅުގަނޑު މަސައްކަތް ކުރީ ވޯޑް އިންޗާޖެއްގެ ގޮތުގައި. ދެން ތިން މަސް ވަރު ވޯޑް އިންޗާޖަކަށް ހުރެފައި އިމަޖެންސީ ޑިޕާޓުމަންޓްގެ އިންޗާޖަކަށް ދެން ބަދަލުވީ. އެތަނުގައި ހުރެފައި ދެން ބަދަލުވީ ނާސިން ސުޕަވައިޒަރު ކަމަށް" އިނާޔަތު "ވަން" އަށް ކިޔައިދިނެވެ.

31 އަހަރު ހިދުމަތުގައި، ދުވަހަކުވެސް ސަލާމެއް ނުބުނޭ، ގަޑިއެއްވެސް ނުޖެހޭ

އިނާޔަތު ބުނި ގޮތުގައި އޭނާ މިއަދު އެންމެ ފަހުރުވެރިވަނީ ހިދުމަތުގައި އެހާ ދިގު މުއްދަތެއް ފާއިތުވެ ދިޔަ އިރު އަބަދުވެސް ގަޑިއަށް ޑިއުޓީއަށް ދެވުނީތީއެވެ. އިނާޔަތުގެ ނާސިން ހަޔާތުގައި އޭނާ ދުވަހަކުވެސް ސަލާމް ބުނެފައެއް ނުވެއެވެ. މިއީ އޭޑީކޭގެ އެހެން އެއްވެސް މުވައްޒަފަކަށް އަދި މުގުރާލެވިފައިވާ ރެކޯޑަކަށް ނުވެވެސް ދާނެ އެވެ.

"މިއަދު އެންމެ އުފާވާ ކަމަކީ ގަޑި ނުޖެހި ޑިއުޓީއަށް ދެވުމުގެ ނަސީބު ލިބިފައިވާތީ. އަބަދުވެސް ޑިއުޓީ ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޑިއުޓީއަށް ދަން. އެއީ ވަރަށް ބޮޑު ޒިންމާއެއް އަޅުގަނޑަށް މި އޮންނަނީ. ދެން އޭޑީކޭއަކީ ގިނަ އަދަދެއްގެ ކިޔަވާ ދަރިވަރުންވެސް އުޅެމުން އަންނަ ތަނަކަށްވާތީ ސަލާމް ބުނާ ދަރިވަރުންގެ އަދަދުވެސް ގިނަ. އެހެންވެ، އެ ހުރިހާ ކަންކަން ހަމަޖެއްސުމަށް އަވަަހަށް ދަނީ. އޭރުން ހަމަޖެހިލައިގެން ޑިއުޓީ އަދާކުރެވޭނީ." 31 އަހަރު ހިދުމަތުގައި ހޭދަކުރި އިރުވެސް ގަޑި ޖެހިފައި ނުވާ އިނާ ބުންޏެވެ.

ކޮވިޑް ވެކްސިން ޖެހުމުގައި ވަރުބަލިކަމެއް ނެތި

އިނާޔަތަކީ އޭޑީކޭގެ ވެކްސިން ފޯކަލް ޕޮއިންޓެކެވެ. އިނާޔަތުގެ ސީދާ ބެލުމުގެ ދަށުން އޭޑީކޭއިން ކޮވިޑް ވެކްސިން ޖަހަން ފެށިއިރު، ވެކްސިން ޖެހުމުގައިވެސް އިނާޔަތުގެ ދައުރު ބޮޑެވެ. އެގޮތުން މިހާތަނަށް އޭނާ އެކަނިވެސް ވަނީ 1،4000 މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައެވެ.

"އަބަދުވެސް ވެކްސިންގެ ކަންކަމުގައި އުޅެން. ދެން އަޅުގަނޑަކީ ކޮވިޑް ވެކްސިން ޖެހުމަށް އޭޑީކޭގެ ފޯކަލް ޕޮއިންޓް. އަޅުގަނޑު އެކަނިވެސް ވާނެ 1،4000 މީހުންނަށް ކޮވިޑް ވެކްސިން ދީފައި. އަޅުގަނޑު ވަރަށް ކައުންޓްކޮށްގެން 5،000 މީހުންނަށް ވެކްސިން ދިނީ. އެއީ އަޅުގަނޑު ކޮވިޑް ވެކްސިން ދިން 5،000 ވަނަ މީހާއަކީ އަޅުގަނޑުގެ އެމްޑީ އައްފާލް" އިނާޔަތު ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިނަށް ފަހު އިނާޔަތު މިހާރު އަންނަނީ ފައިޒާ ވެކްސިނާއި ސިނޮފާމް ވެކްސިން ދިނުމުގައިވެސް ހަރަކާތްތެރިވަމުންނެވެ.

އެންމެ ހަނދާން ހުންނަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ދުވަސް

ދެހާސް ބާރަ ވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ދިވެހިންގެ ހަނދާނުގައި ވެސް އިއްޔެވީ ކަމެއްހެން ހަރުލައި ހުންނާނެއެވެ. ހަށިގަނޑުގެ އެތަން މިތަނަށް އަނިޔާވެރި ހަމަލާތަކެއް ދީފައިވާއިރު އަފްރާޝީމްގެ ހަށިގަނޑު ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އިނާޔަތަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ދުވަހު ޑިއުޓީ އަދާކުރި ނަރުހެކެވެ.

"އަޅުގަނޑަކީ ވަރަށް އަވަހަށް ޑިއުޓީއަށް ދާ މީހެއް. އެ ދުވަހު އަޅުގަނޑު ޑިއުޓީއަށް ދިޔައިރު މުޅި ސޯސަން މަގު އޮތީ ބަންދުކޮށްފައި. އެއިރުވެސް އަޅުގަނޑަށް ވެގެން އުޅޭ ގޮތެއް ނޭނގޭ. ދެން އޭޑީކޭއަށް ވަތް އިރު އޭޑީކޭ ވެސް އޮތީ ފުރިބާރުވެފައި. އެންމެންވެސް ރޮނީ. އަޅުގަނޑުވެސް ވަރަށް ކަންތައްބޮޑުވި. ދެން އީއާރްއަށް ވަތް އިރު އީއާރްގައި ހުރި އެއްްޗެހި ވަނީ އެއްވެސް ތަރުތީބެއް ނެތި. މުޅި ފްލޯއަށް ހުރިހާ އެއްޗެއް އުކާލާފައިވަނީ. އެނދުތަކާއި އެއްޗެހި ހުރީ އެކި ގޮތް ގޮތަށް ދަމާފައި. އީއާރްގައިވެސް ތިބީ ދެ ބޭރު ނަރުހުން. އެމީހުންވެސް ތިބީ ވަރަށް ކަންބޮޑުވެފައި. އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި ގެނެސްގެން އުޅުނީ ޑރ. އަފްރާޝީމް. އެއީ ވަރަށް ހިތްދަތިވި ދުވަހެއް" އިނާޔަތު ބުންޏެވެ.

އިނާޔަތަކީ އޭޑީކޭގެ މެނޭޖުމަންޓާއި އެތަނުގެ މުވައްޒަފުން ގަދަރުކުރާ ނަރުހެކެވެ. އޭޑީކޭގެ މުވައްޒަފުންގެ ތެރެއިން އެންމެ އިތުބާރު ހިފޭ އެއް ނަމެވެ. އޭނާއަކީ އޭޑީކޭގައި މަސައްކަތް ކުރާ ދިވެހި ނަރުހުންގެ ތެރެއިން ހިދުމަތުގައި އެންމެ ދުވަސްވީ އެއް ނަމެކެވެ. އިނާޔަތު ބޭނުންވަނީ ރިޓަޔާ ކުރަންދެންވެސް ނަރުހެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދީ އޭނާގެ މަންމަ އާއި މާމަ ދެއްކެވި ނަމޫނާ ގެ މަތީ ސާބިތު ވެ ހުރުމަށެވެ. ނަރުސް ކަމުގައި އިނާޔަތު ކުރި ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އާއިލާ އާއި އޭޑީކޭގެ މެނޭޖުމަންޓުގެ ފަރާތުންކަން އިނާޔަތު ފާހަގަ ކުރެއެވެ.