ހއ. ތަކަންދޫ، ކުރިބޯށި، އުމުރުން 26 އަހަރުގެ އަޒުމާ އަބްދުއްރަހުމާން (އަޒޫ) އަކީ މިއަދު ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޭނުންތެރި، އަދި އެހާމެ ފަހުރުވެރި ނަމެކެވެ. މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި 2020 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާއަށް ފުރައިގެން ދިޔަ އަޒޫގެ ދަތުރަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު، ނަމަވެސް، ކާމިޔާބު ދަތުރެކެވެ. އޭނާ ކިޔަވާފައިވަނީ މެލޭޝިއާގެ މަހުސާ ޔުނިވަސިޓީންނެވެ. އެ ޔުނިވަސިޓީން އޭނާ ވަނީ ފިޒިއޯތެރަޕީގެ ދާއިރާއިން ޑިގްރީ އަދި ނިއުރޯ ފިޒިއޯތެރަޕީގެ ދާއިރާއިން މާސްޓާސް ފުރިހަމަކޮށްފައެވެ.
ސްޕެސެލައިޒްޑް ނިއުރޯ ފިޒިއޯތެރަޕިސްޓަކަށް ވުމަކީ އަޒޫގެ ލޯބިވާ ބައްޕަ، އަބްދުއްރަހުމާނު ގާސިމްގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް، އަޒޫ މެލޭޝިއާގައި ކިޔަވަމުން ދަނިކޮށް، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގައި އޭނާއަށް ވަނީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހިތާމައާ ކުރިމަތިލާން ޖެހިފައެވެ. އެއީ ކޮވިޑް-19 ގެ ބަލީގައި އޭނާގެ ބައްޕަ ނިޔާވުމެވެ.
މި ހިތާމަވެރި ހާދިސާގެ ސަބަބުން އަޒޫއަށް ފުން ހިތާމައެއް ލިބުނު ނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ބައްޕަ ވަކިވެދިޔުމުގެ ހިތާމައިގައި ހުރެމެ، އަޒޫ އަޒުމުކަނޑައެޅީ ބައްޕަ އޭނާއާމެދު ދެކެމުންދިޔަ ފޮނި ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. މަންމައާއި އާއިލާގެ ދެން ތިބި މެންބަރުނާއި ބައެއް ރަށްޓެހީންގެ ފުރިހަމަ އެއްބާރުލުމާއެކު، ގަދައަޅައި ކުރި މަސައްކަތުންނާއި ހިތްވަރުން އޭނާ ވަނީ ތައުލީމީ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ ފުރަތަމަ ސްޕެސެލައިޒްޑް ނިއުރޯ ފިޒިއޯތެރަޕިސްޓުގެ ޝަރަފު ހޯދާފައެވެ.
މަތީ ތައުލީމު ހާސިލުކުރުމަށްފަހު އެނބުރި ރާއްޖެ އައިސް، އަޒޫ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ސްޕެސެލައިޒްޑް ނިއުރޯ ފިޒިއޯތެރަޕިސްޓެއްގެ ގޮތުގައެވެ. އޭޑީކޭގެ މެނޭޖުމަންޓުން އޭނާއަށް ދޭ އެއްބާރުލުންވެސް އަޒޫ ފާހަގަކުރަނީ ޝުކުރުވެރި ހިތަކާއެކުގައެވެ.
ނިއުރޯ ފިޒިއޯތެރަޕީއަކީ ސިކުނޑިއާއި ނާރުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ ފަރުވާއަކަށް ވާއިރު، އަޒޫ ފާހަގަކުރާ ގޮތުގައި އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބެނީ ބަލިމީހުންނަށް ހިދުމަތްކޮށްދެވޭތީއެވެ. ބަލިމީހުންގެ ސިއްހަތަށް އަންނަ ހެޔޮ ބަދަލުތަކަކީ އޭނާގެ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއެވެ.
"ވަރަށް އުފާވޭ، އަޒޫ ކައިރިއަށް ޓްރީޓްމަންޓަށް އަންނަ ބައެއް ޕޭޝަންޓުން، ޓްރީޓްމަންޓުތަކަށް ފަހު އިންޑިޕެންޑެންޓުކޮށް އުޅެވޭ. ހާއްސަކޮށް ސްޓްރޯކް ޖެހިގެން ފަރުވާ ކުރާ ޕޭޝަންޓުންނަށް ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ލިބޭތަން ފެނޭ،" އަޒޫ "ވަން" އަށް ބުންޏެވެ.
އަޒޫގެ އެންމެ ބޮޑު އެއް އުންމީދަކީ ރާއްޖޭގައި ނިއުރޯ ރީހެބްގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ދުވަހެއް ދުށުމެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ބަލިމީހުންނަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ތަނަވަސްވުމަކީ އޭނާ އެންމެ ދެކެން ބޭނުންވާ މަންޒަރެވެ.
"ހަގީގަތުގައި މިހާރު ރާއްޖޭގައި ނެތް މިކަމަށް އެންމެ ރަނގަޅު ސެޓަޕެއް. ނަމަވެސް ރާއްޖޭގައި މިހާރު ހުރި ސެޓަޕްތަކުންވެސް ރަނގަޅު ސެޓަޕަކާއެކު، މި ދާއިރާއަކީވެސް މީހުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދޭނެ. އަދި އެކަމުގެ ސަބަބުން މި ފަދަ ކަންކަމުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހުން މަދުކުރެވި ރާއްޖޭގައި ތިބެގެންވެސް އެފަރުވާ ހޯދޭނެ." އަޒޫ ފާހަގަކުރިއެވެ.
އަޒޫގެ މި ކާމިޔާބީއަކީ ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެފަދަ އުނދަގޫ ހާލަތަކުންވެސް އަރައިގަނެވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ.
ނިއުރޯ ފިޒިއޯތެރަޕީއާ ގުޅޭ މުހިންމު ނުކުތާތައް:
- ނިއުރޯ ޕިޒިއޯތެރަޕިސްޓުންނަކީ ކޮބާ؟
ނިއުރޯ ފިޒިއޯތެރަޕިސްޓުންނަކީ ނާރުގެ ބަލިތަކާއި ހާނީއްކަތަކުން އަރައިގަތުމަށް ބަލިމީހުންނަށް އެހީތެރިވާ ފަންނީ މާހިރުންނެވެ.
ނިއުރޯ ފިޒިއޯތެރަޕީއަކީ ސިކުނޑިއާއި ސްޕައިނަލް ކޯޑު އަދި ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތައް ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ދެވޭ ފިޒިއޯތެރަޕީގެ ހާއްސަ ދާއިރާއެކެވެ. މި ދާއިރާގެ މާހިރުން ނުވަތަ ނިއުރޯ ފިޒިއޯތެރަޕިސްޓުން މަސައްކަތްކުރަނީ ބަލިމީހުންގެ ހަރަކާތްތެރިކަމާއި ބެލެންސް، އަދި ހަށިގަނޑުގެ ބާރު އަލުން އިއާދަކޮށްދިނުމަށެވެ.
-
ނިއުރޯ ޕިޒިއޯތެރަޕިސްޓުންގެ މައިގަނޑު މަސައްކަތަކީ ކޮބާ؟
ނިއުރޯ ފިޒިއޯތެރަޕިސްޓުންގެ މައިގަނޑު މަސައްކަތަކީ ބަލިމީހުންގެ ހާލަތު ވަޒަންކޮށް، އެމީހުންނަށް ބޭނުންވާ ހާއްސަ ފަރުވާގެ ޕްލޭންތައް އެކުލަވައިލުމެވެ. މީގެ ތެރޭގައި ހަށިގަނޑުގެ މަސްތަކާއި ޖޮއިންޓްތަކާއި ނާރުގެ ހަރަކާތްތައް ރަނގަޅުކުރުމާއި ދުވަހުން ދުވަހަށް ކުރާން ޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރުމުގެ ގާބިލުކަން އިތުރުކޮށްދިނުން ހިމެނެއެވެ.
-
ފަރުވާ ދެވޭ މައިގަނޑު ހާލަތްތަކަކީ ކޮބާ؟
ނިއުރޯ ފިޒިއޯތެރަޕީން ފަރުވާ ދެވޭ ގިނަ ހާލަތްތަކުގެ ތެރޭގައި ސްޓްރޯކް، ޕާކިންސަންސް ބަލި، މަލްޓިޕަލް ސްކްލެރޯސިސް، އަދި ސްޕައިނަލް ކޯޑަށް ލިބޭ އެކިއެކި އަނިޔާތައް ހިމެނެއެވެ. މީގެ އިތުރުން ސިކުނޑިއަށް ލިބޭ ހާނީއްކަތަކުގެ ސަބަބުން ހަރަކާތްތެރިވުމަށް ދަތިވާ މީހުންނަށްވެސް މި ފަރުވާގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދެއެވެ.
މި ފަރުވާގެ އެންމެ މުހިންމު އެއް އަމާޒަކީ ސިކުނޑީގެ ނިއުރޯޕްލާސްޓިސިޓީގެ ބާރު ބޭނުންކޮށްގެން ހަރަކާތްތައް އަލުން ދަސްކުރުމެވެ. ތަކުރާރުކޮށް ކުރެވޭ ކަސްރަތުތަކާއި ފަރުވާގެ ޕްރޮގްރާމްތަކުގެ ސަބަބުން، ހަލާކުވެފައިވާ ނާރުތަކުގެ މަގުތައް އަލުން ބައްޓަންކުރުމަށް މަސައްކަތްކުރެވެއެވެ. މިއީ ބަލިމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަލީ ޔާމިން


ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު