ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ނައިބު ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާ ކަމަށެވެ. އަދި ވައިރަހުން ތިމާ އާއި އާއިލާ ރައްކާތެރިކުރުމަށް ވެކްސިން ޖެއްސެވުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

ނައިބު ރައީސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ.

ނައިބު ރައީސްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފައެވެ.

ރާއްޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާ އިރު، އިއްޔެގެ ނިޔަލަށް 19،008 މީހަކު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖާހަފައިވެއެވެ. އިއްޔެވެސް ވަނީ 3714 މީހަކު ދެވަނަ ޑޯޒް ޖަހައިފައެވެ.

ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ސިނޯފާމް ވެކްސިނެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 271،453 އަށް އަރައިފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ފައިޒާ ވެކްސިންވެސް ދޭން ފަށައިފައެވެ. މި ވެކްސިން ދެނީ މާލެ ސަރަހައްދުގައި އުޅޭ 16 އަހަރުން މަތީގެ މީހުންނަށެވެ.