މާލޭ ރައްޔިތުންގެ އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ ހުރިހާ ކަންބޮޑުވުމެއްގެ ތަފުސީލު އެނގޭނީ ދިރާސާކޮށް ބެލުމުން ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އެބަ ފާހަގަކުރެވޭ. އެއީ ހައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި އެބަ ފާހަގަކުރެވޭ. ހަމައެއާއެކު ކޮވިޑާ ގުޅިގެން އަޅުގަނޑުމެން މިގެނައި ރިސްޓްރިކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ އަސަރު ކުރިކަން އެނގޭ. ހާއްސަކޮށް ރެސްޓޯރެންޓުތައް، ކެފޭތައް، މިހެން ގޮސް އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް އަސަރު ކޮށްފައިވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުންވެސް މާލޭގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށާއި އަދިވެސް ކޮށްދޭންޖެހޭ ކަންކަން ގިނަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއާއެކު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ކާމިޔާބު ކޮށްފައިވާ އިރު، އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނު ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރު ފެއިލްވުމެވެ. ހާއްސަކޮށް ހިޔާ މަޝްރޫއުގެ ފުލެޓްތައް ދިނުން ލަސްކުރުން ހިމެނެއެވެ.