ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދިވަރުގެ ކާމިޔާބެއް މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް މިހާތަނަށް ހޯދިފައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މިހާތަނަށް ގުނާފައިވާ ނަތީޖާތަކަށް ބަލާއިރު އެމްޑީޕީން 43 ޕަސެންޓް ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އަދި ޖުމުލަ ވޯޓުގެ 49 ޕަސެންޓް ވޯޓު ލިބިފައި ވަނީ އެމްޑީޕީއަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން މިޑްޓާމަ އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަށް ހާސިލު ކުރެވިފައެއް ނެތް. އެހެންވީމަ މިޑްޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަކުރުމާއެކުގައި އަޅުގަނޑު މި ދެންނެވި ކަންބޮޑުވުންތަކާއި އެކީގައި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މި އިންތިހާބަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލަރުންގެ 33 ޕަސެންޓް އަންހެނުން ހިއްސާ ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރަކާއި ކާމިޔާބީއެއް ކަމަށެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި ސަރުކާރުން ވަނީ އިސްލާހު ގެނަސްފައެވެ. އެއާއެކު ސިޓީ ކައުންސިލުތަކުން އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމުލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.
މި އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ކަމަށް ރައީސް އިޝާރާތް ކުރެއްވި އިރު މީގެ ކުރިން ބޭއްވި ހަތަރު ކައުންސިލް އިންތިހާބުގައިވެސް ވެރިކަމުގައި ތިބި ފަރާތްތަކަަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަައެވެ.
ޚަބަރު
ޚަބަރު
ޚަބަރު