އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ހޯދި ކާމިޔާބީގެ ސިއްރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި ރޭ އެ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ހޯދި ކާމިޔާބީއަކީ ރައީސް ޔާމީނަށްޓަކައި ރައްޔިތުން ދިން ކާމިޔާބީއެއް ކަމަށެވެ.

"ޕީޕީއެމް މި ހޯދި ކާމިޔާބީގެ ސިއްރަކީ ރައީސް ޔާމީންގެ ޒައާމަތުގައި މި ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވި ކަމުގެ މަތިވެރި ނިޝާނެއް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި ރައްޔިތުންގެ ބަހަކީ ރައީސް ޔާމީން ވަގުތުން ދޫކޮށްލައި، އާއިލާގެ ކައިރިއަށް ރެއިން ރެއަށް ފޮނުވުން ކަމަށެވެ. އެކަން މިސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރުމަށް ޝަހީމް ވަނީ ގޮވާލައިފައެވެ.

"އެހެންކަމުން މިރޭގެ މި ފުރުސަތުގައި އަޅުގަނޑު އެދެނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، މިރެއިން މިރެއަށްވެސް ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދެއްވާށޭ،" ޝަހީމް ރޭ ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވި ޝަހީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ރައީސް ޔާމީންގެ ޒައާމަތުގައި ކާމިޔާބު ކުރުމަކީ ކޮންމެ ކައުންސިލަރަކާއި ކޮންމެ މެމްބަރެއްގެވެސް އަޒުމަކަށް ވާންވާނެ ކަމަށެވެ. އަދި ރެއަކީ ޕީޕީއެމްގެ ސަފުތައް ތަރުތީބު ކުރަންވީ ރޭ ކަމަށާއި ޕީޕީއެމް ވަރުގަދަވާނެ ކަމަށާއި ސަފުތައް ބަދަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި ހޮވުނު ކައުންސިލަރުން ވާން ވާނީ ނަމޫނާ ހިދުމަތްތެރިންނަށް ކަމަށާއި އަދި ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް ކަމަށެވެ. އަދި ގައުމު އެއްބައިވަންތަ ކުރާ ބަޔަކަށް ވާންވާނެ ކަމަށާއި ގައުމުގެ މިނިވަން ކަން ހިމާޔަތްކުރާ ބަޔަކަށް ކައުންސިލަރުން ވާންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.