މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ތ. ވޭމަންޑޫން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
ވޭމަންޑޫން މާލެ ގެނައި ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދެމީހުންނަކީ ވެސް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލުންނެވެ. އެއީ 65 އަހަރުން މަތީގެ އަންހެނެކެވެ. ދެވަނަ މީހާއަށް އާސަންދަ ހަމަނުޖެހުމުން އޭނާ މާލެ އައިސްފައިވަނީ އަމިއްލައަށެވެ. އެއީ 22 އަހަރުގެ ފިރިހެނެކެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ވޭމަންޑޫން ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ، މިދިޔަ މަހުގެ 15ގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރުކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އަންގަން އެދޭ ކަމަށެވެ. އެ މުއްދަތުގައި ވޭމަންޑޫން ދަތުރުކޮށް 10 ދުވަސް ހަަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. އަދި 10 ދުވަސް ހަމަވުމުން ޓެސްޓު ކުރަންވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އޭގެ އިތުރުން މިދިޔަ މަހުގެ 15 ދުވަހުގެ ފަހުން ވޭމަންޑޫން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނެގުމަށާއި 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
ވޭމަންޑޫގެ އިތުރުން މިއަދު ވަނީ އެ އަތޮޅު ކިނބިދޫންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި، މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ކިނބިދޫން ރޭ ޕޮޒިޓިވްވި ދެ މީހުންނަކީ ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަށްފަހު، އެ ރަށަށް ދިޔަ ދެ މީހުންނެވެ. މިހާތަނަށް ކިނބިދޫން ވަނީ ޖުމުލަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު