އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ނުވަ އަތޮޅު ކައުންސިލެއްގެ ރައީސްކަން ކާމިޔާބު ކުރި އިރު، އިދިކޮޅު ޕީޕީއެމުން ވެސް ނުވަ އަތޮޅު ކައުންސިލެއްގެ ރައީސްކަން ކަށަވަރުކޮށްފިއެވެ.

ޖުމްލަ 18 އަތޮޅުގެ ކައުންސިލް ރައީސް ކަމަށް އެމްޑީޕީން ކެނޑިޑޭޓުން ނެރުނު ނަމަވެސް ޕީޕީއެމުން ކުރިމަތިލީ 17 އަތޮޅަށެވެ. އެ ޕާޓީން ކުރިމަތިނުލަނީ ދ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް އެކަންޏެވެ.

  • ހއ. އަތޮޅު - މޫސާ ޝަފީގު (އެމްޑީޕީ)
  • ށ. އަތޮޅު ކައުންސިލް - މުހައްމަދު ޝިޔާމް (އެމްޑީޕީ)
  • ނ. އަތޮޅު ކައުންސިލް - މުހައްމަދު ބަޝީރު (އެމްޑީޕީ)
  • ބ. އަތޮޅު ކައުންސިލް - އަހްމަދު އަފްރާހް (އެމްޑީޕީ)
  • އއ. އަތޮޅު ކައުންސިލް - ހުސައިން އަރުސަލާން (އެމްޑީޕީ)
  • އދ. އަތޮޅު ކައުންސިލް - އަލީ ނަސީރު (އެމްޑީޕީ)
  • ވ. އަތޮޅު ކައުންސިލް - ޝުޖާއު އަލީ (އެމްޑީޕީ)
  • ދ. އަތޮޅު ކައުންސިލް - އަހްމަދު ޝާފިއު (އެމްޑީޕީ)
  • ލ. އަތޮޅު ކައުންސިލް - އިސްމާއިލް އަލީ (އެމްޑީޕީ)
  • ހދ. އަތޮޅު ކައުންސިލް - އަބްދުއްރައްޒާގު އަހްމަދު (ޕީޕީއެމް)
  • ރ. އަތޮޅު ކައުންސިލް - ހުސައިން ނާސިފު (ޕީޕީއެމް)
  • ޅ. އަތޮޅު ކައުންސިލް - ޔާސިން އަބްދުﷲ (ޕީޕީއެމް)
  • ކ. އަތޮޅު ކައުންސިލް - މުހައްމަދު ނިމާލް (ޕީޕީއެމް)
  • މ. އަތޮޅު ކައުންސިލް - އަހްމަދު ހަސަން (ޕީޕީއެމް)
  • ފ. އަތޮޅު - އަލީ މުހައްމަދު (ޕީޕީއެމް)
  • ތ. އަތޮޅު ކައުންސިލް - އަބްދުﷲ ޝަރީފް އަބްދުލްފައްތާހު (ޕީޕީއެމް)
  • ގއ. އަތޮޅު ކައުންސިލް - އިބްރާހިމް ޝަހީން (ޕީޕީއެމް)
  • ގދ. އަތޮޅު ކައުންސިލް - ހަސަން ފައިހަތު ގުދުރަތުﷲ (ޕީޕީއެމް)

މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު އެމްޑީޕީ އާއި ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް އަދި އަމިއްލަގޮތުން ކުރިމަތިލީ ކެންޑިޑޭޓަކަށް ވެސް އަތޮޅު ކައުންސިލުގެ ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މި ނަތީޖާއަށް ކޮންމެވެސް ވަރައްގެ ބަދަލެއް އައިސް، ކެންޑިޑޭޓް ބަދަލުވުން އެކަށީގެންވެއެވެ.

އަތޮޅު ކައުންސިލުތަކުގެ ރައީސުންގެ ގޮނޑި މައި ދެ ޕާޓީން ކާމިޔާބުކޮށްފައިވާ އިރު، އެއްވެސް އަންހެން ކެންޑިޑޭޓަކު ނުހިމެނެއެވެ. އަތޮޅު ކައުންސިލެއްގެ ރައީސް ކަމަށް ވާދަކޮށްފައިވަނީ ވެސް އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ތ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ގަމަރިއްޔާ އަލީއެވެ.

އިއްޔެ ނިމުނު އިންތިހާބުގައި އެންމެ ފޯރިއެއް ނަގާފައިވަނީ ވެސް އަތޮޅުތަކުންނެވެ. އަތޮޅުތެރޭގައި ވޯޓުލާން މީހުން ނުކުތް އަދަދު ވެސް މާލެއާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން 80 އާއި 90 އިންސައްތަ މީހުން އަތޮޅުތެރޭގެ ފޮށިތަކަށް ވަނީ ވޯޓު ލައިފައެވެ.