ސްޕެނިޝް ލަލީގާގައި ރޭ އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އަލް ފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ކުޅުނު އެލް ކްލެސިކޯ ތިން މެޗުންވެސް ރެއާލްއިން ކާމިޔާބު ކޮށްފައިވާއިރު، އެއީ 1978 ވަނަ އަހަރު ފަހުން ރެއާލްއިން ޖެހިޖެހިގެން ތިން ކްލެސިކޯ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ގޯލް ކަރިމް ބެންޒެމާ ކާމިޔާބު ކޮށްދިންއިރު، އެއީ އެންމެފަހުން ލަލީގާގައި ބެންޒެމާ ކުޅުނު ހަތް މެޗުގައި ޖެހި ނުވަވަނަ ގޯލެވެ. ޓޯނީ ކްރޫސްގެ ހިލޭ ޖެހުމަކާއެކު ރެއާލްއިން މެޗުގެ ނަތީޖާ ފުޅާކުރިއިރު، މެޗުގެ ފަހު ހާފްގައި އޮސްކާ މިންގުއޭޒާ ވަނީ ބާސާއަށް ގޯލް ޖަހައިދީފައެވެ.
ބާސާއިން ދެވަނަ ހާފްގައި ގޯލެއް ޖެހި ނަމަވެސް، އެ ހާފްގައިވެސް ރަނގަޅަށް ކުޅެފައިވަނީ ރެއާލްއިންނެވެ. ހަމަލާތައް އުފައްދާފައިވާއިރު، މެޗުގެ ފަހު މިނެޓްގައި ކަސަމޭރޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މިހާތަނަށް ލަލީގާގައި ކުޅުނު 30 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެޓީމަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒައިނުއްދީން ޒިދާން ބުނެފައި ވަނީ މެޗަކީ ހުރިހާ ގޮތަކުންވެސް އުނދަގޫކޮށް ދިޔަ މެޗެއް ކަމަށާއި، ފޯމް ރަނގަޅުކޮށް ބާސާ ބަލިކުރެވުމަކީ ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ. މިދިޔަ ސީޒަންގެ ލީގުވެސް ރެއާލްއިން ކާމިޔާބު ކޮށްފައިވާއިރު، ރެއާލް މިވަގުތު ފެންނަނީ ޔޫރަޕްގައިވެސް ވަރުގަދަ ކޮށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު