ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިޒާ ވެކްސިން ދޭން ފަށައިފި އެވެ.

މިއަދު ހެނދުނު 9:00 އިރު ފައިޒާ ވެކްސިން ޖަހަން ފަށާފައިވާއިރު، އެ ވެކްސިން ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުންނާއި އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ވެކްސިން ދެމުން އަންނަނީ ކުރިން ރެޖިސްޓާރ ވެފައިވާ ފަރާތްތަކަށެވެ. އަދި ވެކްސިން ޖެހުމަށް ގަޑިއެއް ހަމަޖެއްސުމަށް ފަހު އެ ދެ ހޮސްޕިޓަލުން ގުޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ދޭނީ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށާއި 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓަރީ ކުރެވޭނީ އެޗްޕީއޭގެ ވައިބަރާއި ޓުވިޓާގައިވާ ގޫގުލް ލިންކު މެދުވެރިކޮށް ކަމަށެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިންގެ އިތުރުން އިންޑިއާގެ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނެވެ. މިހާތަނަށް ރާއްޖޭގައި 268،459 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، 15،294 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.

ރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5500 ޑޯޒް އެވެ. އެއީ ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީގެ ދަށުން ލިބުނު ވެކްސިނެވެ.