އެނބޫދޫ ފިނޮޅު ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޯވެ، ބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށާއި ތެޔޮ ލީކުވޭތޯ ކޯސްޓްގާޑުން ހުއްޓާނުލައި ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު މާލެ އިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި ސީ ސްޓާ ތެޔޮ ބޯޓުގައި އަލިފާން ރޯވެފައިވަނީ މިއަދު ހަވީރު 5:50 ހާއިރުއެވެ. އެ ހާދިސާ ހިނގާފައިވަނީ އެނބޫދޫ ފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންނެވެ. އެ ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރިއިރު، ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު ހަވީރު 6:30 ހާއިރު ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.
އެމްއެންޑީއެފުން ބުނީ، ބޯޓު އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާ ދެމެދުގެ ފުންމިނަކަށް ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށާއި ތެޔޮ ލީކުވޭތޯ ކޯސްޓްގާޑުން ހުއްޓާނުލައި ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގި އިރު، އެ ބޯޓުގައި ތިން ދިވެހިންނާއި ބިދޭސީއަކު ތިއްބެވެ. އެ އެންމެން ވެސް އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދަކަށް ނަގައިގެން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު