މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ބޮޑުތަނުން މަދުވެ، މި އިންތިހާބުގައި ވޯޓުލާނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 38 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލަފާކޮށްފިއެވެ.

އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި، ވޯޓުލުމުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އީސީގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި މިއަދުގެ މިހާތަނަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 17 ޕަސެންޓް ކަމަށެވެ.

ޝަަރީފް ވިދާޅުވީ، އެއީ ގާތްގަނޑަކަށް 44،026 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 26،000 ފިރިހެނުންނާއި 17،000 އަންހެނުންނެވެ.

އެއީ އެހެން އިންތިހާބުތަކުގައި މިހާ ހިސާބަށް އަންނައިރު ވޯޓުލީ މީހުންގެ ނިސްބަތަށްވުރެ ބޮޑުތަނުން މަދު އަދަދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 273،128 އެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިއަދުވެސް މެންދުރު ކުރިއަށްވުރެ މެންދުރު ފަހު ވޯޓުލާން ނުކުންނަ މީހުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި 2011 ވަނަ އަހަރު 74 އިންސައްތަ މީހުން ވޯޓު ދިން ނަމަވެސް އޭގެ ފަހުން އައި ދެ އިންތިހާބުގައި ވެސް ވޯޓު ދީފައި ވަނީ 65 އިންސައްތަ މީހުންނެވެ.

ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓުލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ވަކި މީހަކަށް ވޯޓުލުމުން، ނުވަތަ ވަކި މީހަހަށް ވޯޓު ނުލުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށާއި އެފަދަ ކަމެއް ދިމާވެގެން އީސީއަށް މައްސަލަ ހުށަހަޅައިފިނަމަ އެ ފަރާތަކަށް ޖިނާއީ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ވޯޓުލުމަށް މިހާރު އެއްވެސް ދައްޗެއް ނޯންނާނެ ކަމަށާއި ކޮންމެ މީހަކަށްވެސް ވޯޓުލާން އައިސް ވޯޓުލުމުގެ ފުރުސަތު އީސީން ފަހިކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ވޯޓުލާ މީހުންނަށް 90 ޕަސަންޓަށްވުރެ މަތިން ރައްކާތެރިކަން ކަށަވަރުކޮށްދެވިފައިވާ ކަމަށާއި ރައްޔިތުން ހޭލުންތެރިކުރުވައިގެން ވީހާވެސް ގިނަ ބަޔަލު ވޯޓުލާން ނެރުމަށް ކެނޑިޑޭޓުންނާއި ވޯޓުގެ ކަންކަމުގައި އުޅޭ އެންމެނަށް އީސީގެ ރައީސް އިލްތިމާސްކުރެއްވިއެވެ.