މަނީލައުންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވޯޓުލުމުގެ އިންތިޒާމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސާފައި ނުވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ރައީސް ޔާމީން ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އެކި މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެހެން ކަމުން ޕީޕީއެމް ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ވޯޓު ގެއްލޭނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރްގްރެސިވް ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ވޯޓު ލެއްވުމުގެ އިންތިޒާމް ކަރެކްޝަނުން އަދި މިހާތަނަށް ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ އިންތިޒާމެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ރެޖިސްޓްރީ ކުރެއްވި ކަމެއް ނުކުރާ ކަމެއް އަޅުގަނޑުމެންނަކަށް ސާފެއް ނޫން. އަޅުގަނޑުމެންނަށް އެނގެނީ އެމަނިކުފާނު ވޯޓުލެއްވުމުގެ ކަންކަން ކަރެކްޝަންސް އިން ހަމަޖއްސާފައި ނުވާކަން." އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ލިސްޓުގައި ރައީސް ޔާމީންގެ ނަމެއް ނެތެވެ. ވޯޓުލުން ފަދަ ކަންކަމަށް ގައިދީން ގެނައުމަކީ ކަރެކްޝަނުން ކުރާ ކަމެއް ނޫނެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހުމަދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލުތަކުގައިވެސް ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނޭ ކަމަށާއި ދުރާލައި ރެޖިސްޓްރީވުމަށް މުއްދަތު ދިން ކަމަށެވެ. އަދި ރެޖިސްޓްރީ ކުރުމާއި ނުކުރުން އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޔުސްރީން ވިދާޅުވީ ވަކި ބޭފުޅަކަށް ވީމަ މާލެ ގެނެސް ވޯޓުލެވޭނެ އިންތިޒާމެއް އެއްވެސް އިރަކު ހަމަޖައްސާފައި ނުވާ ކަމަށާއި އެހެން އަމަލު ކުރަނީ ޖަލުތަކުގައިވެސް ވޯޓުފޮށި ބަހައްޓައިގެން އެއަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖއްސާފައިވުމުން ކަމަށެވެ.

ރައީސް ޔާމީން ވޯޓުލުމަށް ރެޖިސްޓްރީ ކުރެއްވިތޯ ސުވާލު ކުރުމުން ވިދާޅުވީ ވަކި ބޭފުޅެއްގެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.