ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުން ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނުގެ ދާއިރާއިން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ވޯޓުލައްވައި ނިމިވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު ކުރިއަށްދާ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށާއި މި އިންތިހާބުގައި، މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރާއެކު ދަތިތަކެއް ހުންނާނެ ކަމަށާއި އެހެން ނަމަވެސް ވީހާވެސް ގިނަ ރައްޔިތުން އިންތިހާބުގައި ވޯޓުލުމަށް ނުކުތުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއް. މިވަގުތު ހުސްކޮށް ފެނުނު ނަމަވެސް މެންދުރުފަހު ގިނަ ރައްޔިތުންތަކެއް ވޯޓުލުމަށް ނުކުންނާނެ ކަމަށް އަޅުގަނޑު އުއްމީދު މިކުރަނީ. މިއީ ވަރަށް މުހިންމު އިންތިހާބެއް. މުޅި ރާއްޖެ އަށްވެސް ބޮޑެތި ބަދަލުތަކެއް ލިބިގެންދާނެ އިންތިހާބެއް މިއީ." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އުންމީދުކުރައްވަނީ މާލެ އާއި އެހެން ސިޓީތަކާއި އަތޮޅުތަކުން ވެސް ބޮޑު ކާމިޔާބީއެއް އެމްޑީޕީއަށް ލިބޭނެ ކަމަށް ކަމަށެވެ.
މީގެ އިތުރުންވެސް މާލޭގެ މޭޔަރުކަން މަދުވެގެން 65 ޕަސެންޓާ އެކު އެމްޑީޕީ އަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހް ވޯޓު ލައްވާފައި މާލޭގެ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު