ބައެއް ރަށްރަށުގައި ވޯޓުލުން ނުފެށި ވަނީ ވޯޓުލާނެ ބަޔަކު ނެތިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިހާބުގައި ވޯޓުލުން ފަށާ ގަޑިއެއްގެ ގޮތުގައި ހެނދުނު 7:00 ކަނޑައަޅާފައިވީ ނަމަވެސް، ހެނދުނު 8:20 ވީއިރު 195 ފޮއްޓެއްގައި ވޯޓުލުން ފެށިފައި ނުވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވޯޓުލުން މިހާރު ކުރިއަށްދާ އިރު، ބައެއް ރަށްތަކުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ވޯޓުލުން ލަސްވާނެ ކަމަށެވެ. އަދި މިހާރު މޮނިޓަރިންގައިވާ ތ. ވިލުފުށީގައި ވޯޓުލުން ނުފެށި ލަސްވަނީ އޮފިޝަލުން ކަރަންޓީނުވާން ޖެހުމުގެ ސަބަބުން ކަމަށް އީސީން ވަނީ ބުނެފައެވެ.

"ބައެއް ފޮށިތަކުގައި ވޯޓު ލާނެ ބަޔަކު ނެތިގެން ވޯޓު ލާން ނުފެށި،" ޝަރީފް ވިދާޅުވިއެވެ.

މިހާތަނަށް 2700 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވީ ނަމަވެސް، ކިޔޫތަކުގައި މީހުން މަދުކަން ފާހަގަކުރެވެއެވެ. ވޯޓުލުމުގެ އެންމެހާ ކަމެއް ކުރިއަށްގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތުގެ މަތިން ކަމަށް އީސީން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، އެ އިންތިހާބު މި ބާއްވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ.

މި އިންތިހާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިގެންވެއެވެ.

މި އިންތިހާބުގައި 713 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އަދި 7000 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.