މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބުލޫ ރޭ"ގެ ސެކިއުރިޓީ ބްރީފިން ބާއްވައިފިއެވެ.

މިއަދު ހަވީރު ފެށި އެ އޮޕަރޭޝަންގެ ޝިޔާރަކީ، 'މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުން' އެވެ.

އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބްރީފިންގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، އިންތިހާބުގެ ފަހުން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާން ކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ، ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމަށް އިރުޝާދު ދެއްވައިފައެވެ.

މި އިންތިހާބަކީ ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ، މިއީ ފުލުހުންގެ ދައުރު އަދާކޮށް ޕްރޮފެޝަނަލްކަމާއި މުއައްސަސާގެ އިންޓަގްރިޓީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މަސައްކަތްކުރާ ރަނގަޅު ގޮތުގެ ސަބަބުން މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ހަރުދަނާކަމާ އެކީ ގާނޫނާއި ގަވާއިދުތައް އެނގި ތިބެ، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.