މާލޭގައި ކެރިކޮޅެއް ވެހިގެން ފެންބޮޑުވެގެން "މުއިއްޒު ބޮކި" ޖަހާފައި އަރާ ތަނެއް މިހާރަކު ނުފެންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ނުކުންނަވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"2018 ގައި ވެރިކަން ބަދަލުކޮށްލި އިރު، މާލޭގައި ކެރިކޮޅެއް ވެހިއްޖެއްޔާ ބޮކި ޖަހާފައި ބިމު އަޑިން އެ އަރަނީ މުއިއްޒު. އަޅުގަނޑުމެން 2018 އިން މިހާތަނަށް އައިއިރު، މާލެ ފެންބޮޑެއް ނުވާނެ. މާލޭގައި ކެރިކޮޅެއް ވެހިގެން ފެންބޮޑުވެގެން މުއިއްޒު ބޮކި ޖަހާފައި އަރާ ތަނެއް މިހާރަކު ނުފެންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުއިއްޒަކީ މުޅި މާލެ ހަލާކުކޮށްލި ބޭފުޅާ ކަމަށެވެ. އަދި ސިނަމާލެ ބުރިޖު އެޅި ނަމަވެސް، މައްސަލައަކީ ދެ ލޭނެއް ގެއްލުން ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ޓަވަރަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހަމައެކަނި ސުވާލަކީ ބުރިޖުގެ ގެއްލުނު ދެ ލޭނު ކޮބައިތޯއޭ. ދަރުމަވަންތަ ހޮސްޕިޓަލަކީ އަޅުގަނޑުމެން ބޭނުންވާ ހޮސްޕިޓަލެއް. އަދި އެ ހޮސްޕިޓަލު މޯގޭޖުކޮށްގެން ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ހޯދަން މަސައްކަތްކުރުމަކީ ވެސް އަޅުގަނޑުމެންގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންގެ ހަމައެކަނި މައްސަލައަކީ އަޅުގަނޑުމެންނަށް ފުރަތަމަ ފެނުނު އިރު، ދެ ޓަވަރު ހުއްޓޭ. ކޮބައިހޭ އަނެއް ޓަވަރު؟ މޯގޭޖުކުރަން މިހާރު ހުރީ މުއިއްޒު. ދެވަނަ ޓަވަރެއްގެ ގޮތުގައި މޯގޭޖުކުރަން ހުރީ މުއިއްޒު،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ މޭޔަރުކަމަށް މުއިއްޒުގެ އިތުރު ދެން ނުކުންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު