މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 19.2 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 1.33 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 63.73 މިލިއަންވެސް ހިމެނެއެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅައި ބަލާއިރު 19.2 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނީ، ޓޫރިސްޓް ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުން ކަމަށެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހު ވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށް ވާ ޖީއެސްޓީންނެވެ.

ދެވަނަޔަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓްތަކުގެ ބިމު ކުލި ނުވަތަ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގަ އެވެ. ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްއިންނެވެ.