ޚަބަރު

ދަރިންނަށް ތަރުބިއްޔަތު ނުދެވުނު ހާސްކަމުގައި އުމުރު ހުސްކުރާނެ ދިވެއްސަކު ދެން ނުހުންނާނެ: ރައީސް

ދަރިންނަށް ތަރުބިއްޔަތު ނުދެވުނު ހާސްކަމުގައި އުމުރު ހުސްކުރާނެ ދިވެއްސަކު ދެން މި ރާއްޖެއަކު ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް މިރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދެމުން އަންނަ 10،186 ދަރިވަރުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދަރިންނަށް ތަރުބިއްޔަތު ނުދެވުނު ހާސްކަމުގައި އުމުރު ހުސްކުރާނެ ދިވެއްސަކު ދެން މި ރާއްޖެއަކު ނުހުންނާނެ. މުދަލާއި ހިދުމަތް އެއްތަނުން އަނެއް ތަނަށް، އެއް ރަށުން އަނެއް ރަށަށް ބަދަލުވެ، އެ ރަށާއި މި ރަށާއި ހުރިހާ ރަށަކަށް ދަތުރުކުރެވި، ރައްޔިތުން ގުޅި ލާމެހެން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިތުރަށް ތަރައްގީކުރެވޭ އެއާޕޯޓުތަކާއެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލެވޭނެ ކަމަށެވެ. އަދި ހައި ސްޕީޑް ފެރީ ނެޓްވޯކް ފަރުމާ ކުރީ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށާއި އެއީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހާއްސަ ހިދުމަތެއް ކަމަށް ވިދާޅުވިއެވެ.

"ދަތުރުފަތުރުގެ އިންގިލާބު ލިޔެފައިވާނީ 20-30 މިނެޓުގެ ކަނޑުދަތުރަކަށްފަހު، ކޮންމެ ރަށަކުން ވެސް ވައިގެ މަގާ ގުޅޭ ގޮތަށް. ހައި ސްޕީޑު ފެރީގެ ފެށުން އިރާދަކުރެއްވިއްޔާ އަހަރުގެ ފަހުކޮޅު ބޮޑުތިލަދުންމަތިން ފެއްޓޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތަކަށް ރަށެއްގެ ވެހިކަން ލިބޭ ފަދައިން ގެއެއްގެ ހިޔާވަހިކަން ވެސް ލިބެން ޖެހޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.