އެޑްވަޓޯރިއަލް

އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާ ލަތީފުގެ ތަސައްވަރު

އައްޑޫ ސިޓީއަކީ އިގުތިސޯދީ ގޮތުން ފުދުންތެރި، އުފާވެރި ރައްޔިތެއް އުޅޭ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަކީ މުހައްމަދު ލަތީފުގެ ތަސައްވަރެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ލަތީފު ހާމަކުރާ ތަސައްވަރުތަކަކީ ހަމަ ޔަގީނުންވެސް އައްޑޫގެ ކުރިމަގަށް ކޮށާލެވޭނެ އެންމެ ސާދާ ސީދާ ފަހި މަގެވެ. މިފަދަ ތަސައްވަރެއް އޮތް ދެވަނަ ކެންޑިޑޭޓަކު އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައިފައެއް ނެތެވެ.

ލަތީފުގެ ހަރު އަޑުން އެންމެ ބާރަށް ވިދާޅުވަނީ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ހޯދައިގަތުމަށެވެ. އައްޑޫގެ މިލްކުވެރިކަން އައްޑޫ ރައްޔިތުން ހޯދުމަށް މަސައްކަތް ކުރުމަށެވެ. އައްޑޫގެ ރަށްތަކާއި ފަޅާއި ކަނޑާއި އަދި ހުރިހާ ތަނެއް އައްޑޫ ސީޓީގެ މިލްކެއް ކަމަށް ރައްޔިތުން ގަބޫލުކޮށް، ރައްޔިތުންގެ ހައްގު މިންވަރު ހޯދުމަށް ވަކާލާތު ކުރުމަށެވެ. އެކަން ކުރުމަށް ރައްޔިތުންނާއެކު ހަމައެކަނި ހުރި ކެންޑިޑޭޓަކީ ލަތީފެވެ. އެކަމުގެ ހުނަރާއި ގާބިލުކަމާއި އަދި ތައުލީމު ހުރީ އޭނާގެ ކިބައިގައި ހުރި ކަމަށް ލަތީފު ގަބޫލުކުރައްވައެވެ.

ސަރުކާރުގެ ބަޖެޓުގައި އައްޑޫއަށް ކަނޑައެޅޭ ހުރިހާ މަޝްރޫއުއެއް ރަނުން ރަނަށް ހޯދުމަކީ އައްޑޫ ރައްޔިތުންގެ ޒިންމާއެކެވެ. ސަރުކާރުން ކަމެއް ކުރަން ބުނެ އެކަން އެބުނާ މުއްދަތަށް ނުނިންމައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ. މިކަމަށް ސިޓީ ކައުންސިލް ފުރިހަމައަށް މަސައްކަތް ކުރަން ވާނެއެވެ. އެއީ ކައުންސިލަށް މަޖުބޫރު ކަމަކެވެ. އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މައި ސަރުކާރުގެ ކަމަކެވެ. އަސާސީ ކަންކަމަކީ ހުރިހާ ރައްޔިތުންނަށް މައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަކެވެ. ގާނޫނު އަސާސީގައިވާ ފަދައިން ހަމަހަމަކަމާއެކު އަސާސީ ހިދުމަތްތައް މައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެއެވެ. އެކަން ނުކުރާނަމަ އެކަމަށް ވަކާލާތުކޮށް އެކަން ހޯދުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. މުހައްމަދު ލަތީފުގެ މޭޔަރު ކަމުގައި މިކަންކަން ކަށަވަރުކޮށް ރައްޔިތުންނަށް އެމީހުންގެ ހައްގު ހޯދައިދޭނަމެވެ. މާލެއަށް ކަންކަން ކުރާ އުސޫލުން ހުރިހާ ރައްޔިތުންނަށް ކުރަން ޖެހޭނެއެވެ.

މިހާރު އައްޑޫ ސިޓީގައި މި ފެންނަނީ ވަކި ޕާޓީއަކުން މުޅި އައްޑޫ ކޮންޓްރޯލްކޮށް އައްޑޫގެ ތަރައްގީ ޕާކްކޮށްފައިވާ ތަނެވެ. ވޭތުވެދިޔަ 14 އަހަރު ފެނިގެން މިދިޔައީ ޕާޓީތަކުން ކައުންސިލް ހިންގާ ތަނެވެ. އެމީހުންގެ ސިޔާސަތަކީ ޕާޓީގެ ސިޔާސަތެވެ. ޕާޓީ ވެރިކަމުގައި ނެތުމުން އައްޑޫގައި އިގުތިސާދީ ތަރައްގީ ކުރިއަށްގެންދާކަށް ބޭނުން ނުވިއެވެ. ޕާޓީ ވެރިކަމަށް އައީމަ ލީޑާޝިޕް ރުޅި އަތުވެދާނެތީ ސިޓިއަށްޓަކައި ވަކާލާތު ކުރާތަނެއް ނުފެނެއެވެ. މުޅިން މި ބަލަނީ ސިޔާސީ ގޮތުން ބާރުވެރިކަން އިތުރު ކުރުމެވެ. މިހާރު ފެންނަނީ ވަޒީފާގެ ބިރުވެރި ކަމެވެ. ޚުދު ކައުންސިލު ވެސް އޮތީ ހުއްޓުވައިފައެވެ. މަޖިލީސް ލިބުމުން ބުނި ކޮންމެ ކަމެއް ކޮށްދޭނަމޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. މަޖިލީސް ލިބުމުން ރައީސްވެސް އެބުނެވުނު ވާހަކައެއް ހަނދާނެއް ނެތެވެ. ނުވިތާކަށް ސިޓީ ކައުންސިލުންވެސް އެއްޗެކޭ ބުނަން ނުކެރި ތިބީ ބިރުންނެވެ. ޕާޓީގެ ލީޑާޝިޕް ހިތްހަމަ ނުޖެހޭނެތީއެވެ. ޕާޓީއަކުން ކައުންސިލް ހިންގަން އުޅޭނަމަ އެއްވެސް ކައުންސިލެއް ތަރައްގީ ނުވާނެއެވެ. ލަތީފުގެ މޭޔަރު ކަމުގައި މަޑަކުން ނުހުންނާނަމެވެ. އެކަން ކުރުމަށް ރައްޔިތުންނާއެކު ނުކުންނާނަމެވެ. ރައީސްގެ އެ ވައުދު ފުއްދަންޖެހޭނެއެވެ. އައްޑޫ ރައްޔިތުން ބޭނުންވާ ހުރިހާ އިގުތިސާދީ ތަރައްގީއެއް ކުރަން ޖެހޭނެއެވެ. އެފަދަ ގާބިލުކަމެއް ހުރީ ލަތީފުގެ ކިބައިގައެވެ. ބަސްބުނަން ކެރޭނެ އެންމެންގެ މޭޔަރަކަށްވާނީ ލަތީފެވެ. ވަކި ކުލައަކަށް ނުބަލައި ހުރިހާ ރައްޔިތުންގެ ހައްގު މިންވަރު ހޯދުމަށް ކެރޭނެއެވެ.

އައްޑޫގެ އިގިތިސާދީ ލޭނާރަކީ މަސްވެރިކަމެވެ. އެމީހުންނަށް ބޭނުންވާ ކަންކަން ފުރިހަމައެއް ނުވެއެވެ. ސިޓީ ކައުންސިލުން މިހާތަނަށް އެކަމަށް ހައްލެއް ހޯދުމަށް ކުރި ކަމެއް ނެތެވެ. މަސްވެރިންގެ ހައްގުގައި ބަހެއް ބުނެލާކަށް ނުކެރެއެވެ. ލަތީފު މޭޔަރު ކަމުގައި މަސްވެރިން ބާނާ މަހަށް ބަރާބަރަށް ހަމަ އަގު ހޯދައިދޭނަކަމީ ޔަގީން ކަމަކެވެ. މަސްވެރިންނަށް ލޯނު ލިބޭނެ އިންވެސްޓްމަންޓް ބޭންކެއް ގެނައުމަކީ މުހިއްމު ކަމެކެވެ. އެކަން ކުރުމުގެ ވިސްނުމާއި ގާބީލުކަން ހުރީ ލަތީފުގެ ކިބައިގައެވެ. ކޮންމެ ރަށެއްގެ ބަނދަރުގައި މަސްވެރިންނަށް ހާއްސަ ތަނެއް ކަނޑައަޅާނަމެވެ. އަދި މަސްމާރުކޭޓެއް ހަދައި އެތަނުން މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސާ ދޭނަމެވެ. އެތަނުގައި ސްޓޯރޭޖް ހަދައި މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާނަމަވެ. ފާހަނާ ބަރިއަކާ އަދި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަމެވެ. މަސްވެރިން ކިރާމަހަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މަސްވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް ފަސޭހަކަމާއެކު ގަންނަން ލިބޭނެ ފިހާރަތައް ހުންނާނެއެވެ. އަދި އޭޓީއެމްއެއްގެ ހިދުމަތް ބަނދަރު ސަރަހައްދުން ލިބޭނެއެވެ. ކެފޭތައް ހަދައި، މަސްވެރިން ހިތްހަމަ ޖައްސައިލާނެ މައިޒާންތައް ހުންނާނެއެވެ. ކޯޕަރޭޓް ކުންފުންޏެއް އުފައްދައި މަސްވެރިން ބާނާ މަސް ގަނެ، އެ މަސް ބްރޭންޑުކޮށް ރާއްޖޭގެ ކަންކޮޅުތަކަށް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނަމެވެ. މިއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. އެކަންކަން ކުރުމުގެ ހުނަރު އެބަހުއްޓެވެ. މާސްވެރިންގެ ހާލު ގާތުން ބަލާނަމަވެ.

ދަނޑުވެރިކަމަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ކުރެވިދާނެ މަސައްކަތަކެވެ. ދަނޑުވެރިންނަށް ބޭނުންވާ ފަސް، ގަސްކާނާ އަދި އެހެނިހެން ހުރިހާ ސާމާނެއް ސިޓީ ކައުންސިލްގެ ކޯޕަރޭޓް ކުންފުނިން އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަމެވެ. އަދި ހައްދާ ހުރިހާ ބާވަތްތައް ބްރޭންޑްކޮށް އެކި ސަރަހައްދުތަކަށް ފޮނުވައި އެތަކެތީގެ ހަމަ އަގު ހޯދައިދޭނަމެވެ. އަދި ކޮންމެ މީހަކީ ގޭގައި ކޮންމެވެސް މަސައްކަތެއްކޮށް އެ އުފައްދާ ތަކެތި ކޯޕަރޭޓުން ގަނެ ބްރޭންޑްކޮށް ވިއްކުމުގެ ހުރިހާ ކަމެއް ކުރާނަމެވެ. އައްޑޫއަށް ހާއްސާ ރެޑީމޭޑް ސްނެކްސްތައް އުފައްދާ އޭގެ މާކެޓެއް ގާއިމުކުރާނަމަވެ.

އައްޑޫގައި ކުރާ އުމްރާނީ ހުރިހާ މަސައްކަތެއް ކުރުމަށް އިންފްރާސްޓްރަކްޗާ ކޯޕަރޭޝަނެއް ގާއިމުކުރާނަމެވެ. އެއީ އައްޑޫގެ ޕްރޮޖެކްޓުތައް ހިންގުމަށެވެ. އައްޑޫގައި ހިންގާ ސަރުކާރުގެ ހުރިހާ އުމްރާނީ މަސައްކަތެއް ކުރާނީ އެ ކޯޕަރޭޝަނުންނެވެ. ބޭނުމަކީ އައްޑޫގެ ތަރައްގީއަށް ކަނޑައަޅާ ފައިސާ އައްޑޫއިން ބޭރުވިޔަ ނުދީ ހިފަހެއްޓުމެވެ. މިހާރު މިކުރާ ކަމަކީ އައްޑޫގެ މަސައްކަތް އެހެން ބަޔަކު އައިސް ކޮށްފަ ފައިސާކޮޅު ހިފައިގެން ދަނީއެވެ. އޭގެން އެންމެ ލާރިއެއްވެސް އައްޑޫގެ އިގުތިސާދަކަށް ނުވަދެއެވެ. އައްޑޫ އިންފްރާސްޓްރަކްޗާ ކޯޕަރޭޝަނުން މަސައްކަތްކުރަން ފެށީމަ ޕްރޮޖެކްޓުތަކުގެ ފައިސާވެސް އެނބުރޭނީ އައްޑޫގެ އިގުތިސާދުގެ ތެރެއަށެވެ. އެ ކޯޕަރޭޝަނުގައި މުޅިންވެސް މަސައްކަތް ކުރާނީ އައްޑޫ ރައްޔިތުންނެވެ. ތަކެތި ގަންނާނީ އައްޑޫގެ ވިޔަފާރިވެރިން އަތުންނެވެ. މީގެ ސަބަބުން އައްޑޫގެ އިގުތިސާދު އިންތިހާއަށް ކުރިއަށް ޖެހޭނެއެވެ. އައްޑޫގެ މަގު ހެދުމާއި އައްޑޫގެ ބިންހިއްކުމާއި ރިސޯޓު ހަދާނީ މި ކޯޕަރޭޝަނުންނެވެ. އަދި މި ކޯޕަރޭޝަން ފުޅާކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޕްރޮޖެކްޓުތައް ނަގައި 100 ޕަސަންޓް ފައިދާ ނުކުންނަ ކޯޕަރޭޝަނަކަށް ހަދާނަމެވެ. މިހާރުގެ ކައުންސިލްގެ މިފަދަ ތަސައްވަރެއް ނެތެވެ. އަދި މޭޔަރު ކަމަށް ކުރިމަތިލާ އެހެން ކެންޑިޑޭޓުންގެވެސް މިފަދަ ތަސައްވަރެއް ނެތެވެ. ގާބިލުކަންވެސް ހުރީ ލަތީފުގެ ކިބައިގައެވެ.

އައްޑޫގެ 20 އަހަރުވާ ކޮންމެ ރައްޔިތަކަށް ވަޒީފާގެ ފުރުސަތު ލިބޭނެކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެކަމަކީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ އެކަމަށް ވަކި މުއައްސަސާއެއް އެބަހުއްޓޭ ބުނެ މޭޔަރު މަޑުން ހުރެގެން ނުވާނެއެވެ. ވަޒީފާގެ މާކެޓް ބަލައި އެތަންތަނުން އައްޑޫގެ ރައްޔިތުންނަށް ފުރުސަތު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަޅުގަނޑުގެ މޭޔަރު ކަމުގައި މޭޔަރުގެ ޒިންމާއެކެވެ. ވަޒީފާއަށް ވަންނަ ކޮންމެ މީހަކަށް ގޯއްޗެއް ލިބޭނެއެވެ. ގޯއްޗާއެކު ލީސިން ފައިނޭންސް އުސޫލުން ލޯނެއްގެ ދަށުން އެމީހަކު ބޭނުންވާ ވައްތަރެއްގެ ގެއެއް އެޅުމުގެ ފުރުސަތު ލިބޭނެއެވެ. އެކަމުގެ ފުރިހަމަ ދިރާސާއެއްކޮށް އެކަމުގެ ސިޔާސަތު ކަނޑައަޅައި އެކަން ރައްޔިތުންނަށް ފަހިކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެކެވެ. ގޯތި ހޯދަން މީހަކާ އިނދެ ދަރިން ތެބޭކަށް ލާޒިމު ނުކުރާނަމެވެ. ދިރިއުޅުމުގެ ހައްގަކީ އިންސާނީ ހައްގަކެވެ. އެ ހައްގު މިހާރު އޮންނަނީ ނިގުޅައިގެންފައެވެ. އަޅުގަނޑުގެ މޭޔަރު ކަމުގައި ރައްޔިތުންނަށް މިކަމުގެ ޔަގީންކަން އޮންނާނެއެވެ.

އައްޑޫ ހޮސްޕިޓަލަކީ ޒަމާނީ ހޮސްޕިޓަލަކަށް ހެދުމަކީވެސް ކައުންސިލަރުގެ ޒިންމާއެކެވެ. އެކަން ކުރުމަށް ޕްލޭން ހަދައި އެކަން ކުރުވަން ޖެހޭނީ ކައުންސިލުންނެވެ. އެގޮތުން ރާއްޖޭގައި ނެތް ފެންވަރުގެ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކޮށް ހުރިހާ ވައްތަރެއްގެ ޓެސްޓު ހަދައި އަދި ތަހުލީލު ކުރާ ލެބޯޓަރީއެއް ގާއިމު ކުރުމަކީ މި މޭޔަރުގެ ތަސައްވަރެވެ. އެކަން ކުރާނެ އިންވެސްޓަރުން މިހާރުވެސް ތިބީ ތައްޔާރަށެވެ. ދުނިޔޭގެ އެކި ހިސާބުގައި ދަންނަ އެކުވެރި އިންވެސްޓަރުން ތިބީ ތައްޔާރަށެވެ.

އައްޑޫގައި އިންޓަނޭޝަނަލް ޔުނިވާސިޓީއެއް ގާއިމުކޮށް އައްޑޫގެ ދަރިންނަށް އައްޑޫގައި ތިބެގެން ހުރިހާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހޯދުމަކީވެސް މޭޔަރު ކުރަން ޖެހޭކަމެކެވެ. އެކަން ކުރުމަށް އިސްނަގައި އެކަން ސަރުކާރާ ގުޅިގެން ކުރަން ޖެހޭނީ ކައުންސިލުންނެވެ. ނުރޯ ދަރިއަކަށް ކިރު ނުލިބެއޭ ބުނާ ބީދައިން އެކަމަށް ކުރަން ނޫޅޭހާ ހިނދަކު އެކަމެއް ނުވާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އައްޑޫގެ ތައުލީމީ ދަރިން އެބަތިއްބެވެ. އެބޭފުޅުންގެ އެހީތެރިކަން ހޯދައި އެބޭފުޅުން އައްޑޫއަށް ގެނަސް އައްޑޫގެ ކުރިމަގު އުޖާލާ ކުރުމަކީ މޭޔަރު ކުރަން ޖެހޭ ކަމަކެވެ. މުޅި ހުރިހާ ރައްޔިތުންގެ ބައްޕައަކީ މޭޔަރެވެ. ބައްޕައަށް ހުރިހާ ދަރިންގެ ރޯ އަޑު އިވެން ޖެހޭނެއެވެ. އަދި އެ ދަރިންގެ މުހުތާދުތައް ފުއްދައިދިނުމަކީ އެއީ ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގެ ބިންގަލެވެ. ރާއްޖޭގެ ނެތް ފެންވަރުގެ ތައުލީމީ ނިޒާމެއް އައްޑޫގައި ގާއިމުކުރާނެ ކަމީ ޔަގީން ކަމަކެވެ.

އައްޑޫގެ ކޮންމެ ރައްޔަތަކީ ވިޔަފާރި ވެރިއަކަށް ހަދަން ޖެހެއެވެ. ގޭގައި ހުރެގެންވެސް ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމު ކުރާނަމަވެ. ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާނީ ސިޓީ ކައުންސިލް ޒިންމާވާ ގޮތަށެވެ. އޭރުން މިހާރު ތިބި ހުރިހާ ކުދި ވިޔަފާރިތައް ފުޅާވެ، ކުރިއަރައިދާނެކަމީ ޔަގީންކަމަކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުރިހަމަ ބޭނުން ހިފަންޖެހެއެވެ. އެމީހުން ތިބޭނީކީ މާލެއިން އިއްޒަތްތެރިން އައުމުން ސައިފޮދު ދޭކަށް ނޫނެވެ. އެކަނބަލުންނަށް ބަޖެޓް އިތުރުކޮށް ވިޔަފާރި ކުރެވޭނެ ފުރުސަތު ހޯދައިދޭނަމެވެ. އަދި އައްޑޫގެ އަންހެނުންގެ ސިޔާސަތު ކަނޑައަޅާނީ އެ ކޮމެޓީންނެވެ. އަންހެނުން ބާރުވެރިކުރުވައި އެކަމަށް ހުރިހާ ކަމެއް ކުރުމަށް މަގުފަހި ކޮށްދޭނަމަވެ.

އައްޑޫ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޔަގީންކުރުމަށް މުޅި އައްޑޫ ސިޓީގައި ކެމެރާ ހަރުކޮށް ފުލުހުން އިތުރުކުރާނަމެވެ. ފުލުހުން އިތުރު ކުރުމުގެ ފުރުސަތު ނުލިބޭނަމަ ސިޓީ ސިކިއުރިޓީން އުފައްދައި ނުވަތަ ސިޓީ ފުލުހުން އުފައްދައި އެކަން ކުރާނަމެވެ.

އައްޑޫއަކީ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަމެވެ. އައްޑޫއަށް ހާއްސަ އެޕެއް ހަދައި ރައްޔިތުން ހުރިހާ އިދާރީ ހިދުމަތެއް ލިބިގަންނާނީ އަމިއްލަ އަތުގައި އޮންނަ ފޯނުންނެވެ. ސިޓީ ކައުންސިލަށް ކަންކަމުގައި ދާންޖެހޭނީ ހަމައެކަނި އެމީހަކު ގޮސްގެން ކުރަންޖެހޭ ކަންކަމުގައެވެ. ލައިސަންސް އާކުރުމާއި އައިޑީ ކާޑު ހަދަން ދާކަށް ނުޖެހޭނެއެވެ. އަމިއްލަ ފޯނުން އެކަން ކުރެވޭނެއެވެ. އަދި ހިދުމަތް ފުރިހަމަވުމަށް ހޭދާވާނީ މަދު ވަގުތުކޮޅެކެވެ. ހިދުމަތް ނިމުމުން ރައްޔިތު މީހާއަށް ހިލޭ ގެންގޮސްދެވޭނެއެވެ. އަދި ޑިޖިޓަލް ކާޑު ވަގުތުން ލިބޭނެއެވެ. ސިޓީ ކައުންސިލްގައި ހިނގާ ހުރިހާ ކަމެއް އެ އެޕުން ބެލޭނެއެވެ. ޕްރޮޖެކްޓްތަކުގެ ތަފްސީލާއި އަދި ހަރަދު ބަރަދު ހިނގާގޮތާއި މޭޔަރު އެވަގުތަކު ހުރި ހިސާބެއް ރައްޔިތުންނަށް އެނގޭނެވެ. ކަންކަން ކުރުމަށް މޭޔަރު ނައިސްގެން ކަންކަން ނުކުރެވި ނޯންނާނެއެވެ. ކާރިސާއެއް ދިމާވާ އިރަށް ވަގުތުން އެކްޓިވްވާނެ ޓީމުތައް ތިބޭނެއެވެ. މޭޔަރު ނެތިގެން ޕަމްޕް ނުޖެއްސިގެން ތިބޭކަށް ނުޖެހޭނެއެވެ. އައްޑޫ ރައްޔިތުންނަށް ހުރިހާ ދާއިރާއަކުން ފަސޭހަ ލިބި އާމްދަނީ އިތުރުކުރުމަށް ހަމައެކަނި ގާބިލު މީހަކީ ލަތީފެވެ. ލަތީފަށް ވޯޓް ދެއްވައި ލަތީފް މޭޔަރު ކަމަށް އިސްކުރާށެވެ.