އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ކުރާނީ ވަކި މަންޒިލެއްގެ ގޮތުގައި ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ލަތީފުގެ ކެމްޕޭން ޝޯއެއް ކަމަށްވާ "ގުޑްމޯނިން އައްޑޫ ސިޓީ" ލައިވް ޝޯގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އައްޑޫ އަކީ މޯލްޑިވްސް ބެނާގައި ފަތުރުވެރިކަން މާކެޓް ކުރުމަށް ފުރުސަތު ކުޑަތަނެއް ކަމަށާއި އެހެން ނަމަވެސް އައްޑޫ ވަކި ޑެސްޓިނޭޝަނެއްގެ ގޮތުން މުޅިން ތަފާތު ކޮންސެޕްޓަކާއި އެކު ވަކި ބްރޭންޑެއްގެ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރައްވާނެ ކަށެވެ. އެހިސާބުން އައްޑޫ އަކީ ދުނިޔޭގެ ގުނާލެވޭ މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

"އައްޑޫ އަކީ ވަރަށް ރީތި ތަނެއް. މޯލްޑިވްސްއެއް ނޫން މިއީ. އަޅުގަނޑުމެން އައްޑޫ ބްރޭންޑް ކުރާނީ މުޅިން ތަފާތު ތަނެއްގެ ގޮތުގަ. ވަކި ޑެސްޓިނޭޝަނެއް މިއީ. މާކެޓްވެސް ކުރާނީ މިގޮތަށް. މިކަން ކުރުމުގެ ގާބިލުކަން އެބަހުރި. ހުނަރާއި ތައުލީމުވެސް އެބަހުރި. އެހިސާބުން އައްޑޫ ހިމެނިގެންދާނީ ދުނިޔޭގެ ގުނާލެވޭ ވަރުގަދަ ޑެސްޓިނޭޝަނަކަށް" ލަތީފު ވިދާޅުވިއެވެ.

އައްޑޫއަށް ފަތުރުވެރިން ނުގެނެވެނީ އެކަން ކުރަން އެނގޭ ބަޔަކު ނެތީމަ ކަމަށާއި އެއީ އެއްވެސް ހާލެއްގައި އުނދަގޫ ކަމެއް ނޫން ކަމަށް ލަތީފު ވިދާޅުވިއެވެ. އައްޑޫގައި އެންމެ ފުރަތަމަވެސް އިތުރު ހަތަރު ރިސޯޓު، ފަޅު ހިއްކައިގެން ހަދަން ޖެހޭ ކަމަށް ލަތީފު ވިދާޅު ވިއެވެ. ލަތީފު ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓް ހަދަން މިހާރުވެސް އިންވެސްޓަރުން އެބަތިބި ކަމަށެވެ. މޭޔަރު ކަމުގެ ފުރަތަމަ އަހަރު މިކަންކަން ހަމަޖައްސައި، މޭޔަރު ކަމުގެ ތިން ވަނަ އަހަރުގައި އެރިސޯޓުތައް ހުޅުވުމުގެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

އެރިސޯޓުތައް ހުޅުވުމުން އައްޑޫއަށް އިތުރު 1،000 ވަޒީފާ އުފެދިގެން ދާނެއެވެ.

"އަޅުގަނޑުގެ ހުރިހާވެސް ކަމަކީ އައްޑޫގެ ހުރިހާ އުމުރު ފުރާއެއްގެ އެންމެނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން. މި މުހައްމަދު ލަތީފުގެ މޭޔަރު ކަމުގައި 24 ގަޑިއިރު ހޭދަކުރާނީ އިގްތިސޯދީ ފުދުން ތެރިކަން އިތުރުކޮށް އައްޑުއަށް ވަންނަ ފައިސާ އިތުރު ކުރުން. ހުޅުވޭ ރިސޯޓު ތަކުން 1000 ވަޒީފާ އިތުރުވުމުން އައްޑޫ ސިޓީގެ އިގްތިސޯދަށް ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިޔަން ރުފިޔާ ވަންނާނެ. މިއީ އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ. މިކަން ކުރެވޭނީ ތަސައްވަރެއް އޮވެގެން. އެތަސައްވަރު އޮތީ މި މުހައްމަދު ލަތީފުގެ މި ސިކުނޑީގަ. މިކަން ކުރާނަން. އައްޑޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން." ކަމަށް ލަތީފު ވިދާޅު ވިއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު މިވަގުތު ވަނީ ބަންދުކޮށްފައެވެ. ލަތީފު ވިދާޅުވީ މިތަންތަން ބަންދު ކުރުމުގެ ސަބަބުން އައްޑޫ ސިޓީގެ ގާތްގަނޑަކަށް 800 ވަރަކަށް ޒުވާނުންގެ ވަޒީފާ ގެއްލި ވަރަށް ނިކަމެތި ވެފައިވާ ކަމަށެވެ.

"މިއީ ވަރަށް ދެރަކަމެއް. އައްޑޫގެ ޒުވާނުން މިހާރު ތިބީ ވަރަށް ހާލުގަ. މުސާރައެއް ނުލިބޭ. މިއީ ބަޔަކު މިކަމަށް އިހުމާލު ވުމުގެ ސަބަބުން މެދުވެރިވެފައިވާ ކަމެއް. ސިޓީ ކައުންސިލުން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ. އެކުދިންގެ ހައްގު ހޯދައިދޭން ޖެހޭ. މިއީ މޭޔަރުގެ ޒިންމާއެއް. އަޅުގަނޑުގެ މޭޔަރު ކަމުގެ ފުރަތަމަ ތިންމަސް ތެރޭ މިކަން ހަމަޖައްސައި އެޒުވާނުންނަށް ގެއްލިފައިވާ ވަޒީފާ ހޯދައި ދޭނަން. ނިކަމެތި ކަމަށް ނިމުމެއް ގެނެސްދޭނަން" ލަތީފު ވިދާޅުވިއެވެ.

ލަތީފު އިތުރަށް ވިދާޅުވީ، އައްޑޫގެ ޒުވާނުންނަށް ނިކަމެތިކަން ލިބޭއިރު ލަތީފުގެ މޭޔަރު ކަމުގައި މަންޒަރު ބަލަން ނުހުންނަވާނެ ކަމަށެވެ. އެއީ މޭޔަރު އެކަމުގެ ތެރެއަށް ވަދެ ރައްޔިތުންގެ ހައްގުގައި ހައްލު ކޮށްދޭން ޖެހޭ ކަމައް ކަމަށާއި އެ ދެ ރިސޯޓު ހިންގާ މެނޭޖްމަންޓާއި ވާހަކަ ދައްކަވާނެ ކަމަށާއި އެތަންތަން ހުޅުވުމަށް ދޭނީ ތިން މަސް ދުވަހުގެ މުހުލަތެއް ކަމަށް ލަތީފު ވިދާޅުވިއެވެ.

"އެމީހުން ތިން މަސްތެރޭ ރިސޯޓް ހުޅުވައި އައްޑޫގެ ޒުވާނުންގެ ވަޒީފާ އިއާދަ ކޮށްދޭން ޖެހޭނެ. އެހެން ނޫންކަމަށް ވާނަ ރިސޯޓުތައް ރައްޔިތުންނާ ހަވާލުކުރަން ޖެހޭނެ. އައްޑޫ މީހުންނަށް ރިސޯޓް ހިންގަން އެނގޭ. ބޭރުން މީހުން ގެންނާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެތަންތަން ހިންގާނީ ފުލް އޮކިއުޕެންސީގައި" ލަތީފު ވިދާޅުވިއެވެ.