ވެލާވަރު ރިސޯޓަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުން ނޭރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެލާވަރު ރިސޯޓަށް އެ ކޮމިޝަނުގެ އޮފިޝަލުން އެރުވުމުގެ ހުއްދަ ނުދީގެން އެ އޮފިޝަލުން އެތާ ކައިރި އެހެން ރަށަކަށް ފޮނުވާލާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ވެލާވަރުގައި ވޯޓުލުމަށް 61 މީހަކު ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން އަރަން ހުއްދަ ދީފައި ނުވާ ސަބަބެއް ހާމަ ކޮށްފައެއް ނުވެ އެވެ. މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް "ވަން" އިން ވެލާވަރަށް ގުޅުމުން އެ ކަމާ ގުޅޭ ބޭފުޅާ ބިޒީކޮށް އުޅުއްވާތީ މި ވަގުތު ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ރިސޯޓުތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ރަށްތަކަށްވެސް އޮފިޝަލުންނާއި ވޯޓުފޮށި ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު