ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.
ކޮވިޑް ކޭސްތަކެއް ފެނި މީދޫ މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ކުޑަހުވަދޫ މޮނިޓަރިން އަށް ލާފައިވަނީ ދާލު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މީދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ކުޑަހުވަދޫ އަށް ދަތުރުކުރި މީހަކު ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން ކަރަންޓީނުގައި ތިބި ދެ މީހަކު ޕޮޒިޓިވް ވުން ފިޔަވައި އެރަށުން އިތުރު މީހަކު ޕޮޒިޓިވް ވެފަ އެއް ނުވެ އެވެ.
އެޗްޕީއޭ އިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާ ކަމަށެވެ.