ކޮވިޑާއި ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒުތަކަށް ގެންދިއުމުގައި ސިޔާސީ ނުފޫޒު ވަދެދާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އެ ފަރާތްތަކުން އަމިއްލައަށް ވޯޓުލާން ދިއުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމަށް އެއް ގަޑިއިރު ހަމަޖައްސައި އެ މީހުން ވޯޓުލާން ދިއުމުގެ ކަންތައްތައް އަމިއްލައަށް އިންތިޒާމު ކުރަން ޖެހޭ ގޮތަށް އީސީން ވަނީ އުސޫލު އެކުލަވާލައިފި އެވެ. ނަމަވެސް އެ މީހުންނަށް ކަރަންޓީނުން ނިކުމުވޭނީ ހުއްދަ ލިބިގެންނެވެ.

ވަން މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ކަރަންޓީނުގައި ތިބި މީހުން ވެސް މިނިވަންކަމާ އެކު ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުލުމުގެ ފުރުސަތު ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ފަހި ކޮށްދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހަމަ މި ފުރުސަތުގައި ގޮވާލަން ރާއްޖޭގެ އަތޮޅުތަކުގައި ބޮޑެތި އަދަދުތަކުން ކަރަންޓީނު ވެފައި ތިބިއިރުގައި އެ ބޭފުޅުން ގެނައުމުގައި ކޮންމެވެސް ވަރަކަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އެބައޮތް. އެއީ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ގެންދިއުމުގައި،" ޝަރީފު ވިދާޅުވި އެވެ.

ވޯޓުލާން މީހަކު އައުމުން އޭނާ އައީ ކޮންތަނަކުންތޯ ނުބަލާނެ ކަމަށާއި އީސީން ހަމައެކަނި ބަލާނީ އޭނާގެ ނަން ވޯޓާސް ލިސްޓްގައި އޮތްތޯ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެގޮތަށް ކޮންމެ ތަނަކުން އައި ނަމަވެސް ވޯޓާސް ލިސްޓުގައި ނަން އޮވެއްޖެ ނަމަ އީސީން އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

"އެޗްޕީއޭގެ ގައިޑްލައިނަށް ވެސް ރާއްޖޭގެ ރައްޔިތުން ވޯޓުލާން ރެޖިސްޓާރ ވެފައިވާ ތަންތަނަށް ވޯޓުލުމަކުން މަހުރޫމެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑު ހަމަ މި ފުރުސަތުގަ ގޮވާލަން އެޗްޕީއޭއަށް ރާއްޖޭގެ ރައްޔިތުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ހުރިހާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދޭން،" ޝަރީފް ވިދާޅުވި އެވެ.

ހައްގުވެރިންނަށް ވޯޓުލުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ސަބަބުން ނަތީޖާ ވަރަށް ގޯސް ވެދާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އާންމު ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ދަރަޖައަށް ކަންތައްތައް ހިނގައިދާނެ ކަމަށެވެ. އެކަމަށް ހައްލު ގެނައުމަށް އެޗްޕީއޭއާ އެކު މަޝްވަރާތައް ކުރަމުން އަންނައިރު އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ވޯޓުލާ ދުވަހުގައި ހަމަ ފްރީލީ ވޯޓުލުމަށްޓަކައި ކޮންމެ ތަނެއްގައި ހުއްޓަސް ދަތުރުކޮށްފައި ވޯޓުލާން ރެޖިސްޓްރީކޮށްފައިވާ ތަނަށް ވޯޓުލުމުގެ ފުރުސަތު ތަނަވަސް ކޮށްދޭ ކަހަލަ ވިސްނުމެއްގައި އެ ފަރާތްތަކުން ވެސް ތިބީ،" ޝަރީފް ވިދާޅުވި އެވެ.