ޚަބަރު

ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން ފަށައިފި

ރިފާ ހަލީލު

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ.

މިއަދު ގުރުއަތު ނަގަން ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ ނުވަތަ އެޗް-10 ކެޓަގަރީންނެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ގުރުއަތު ނަގާ މަންޒަރު ބައެއް ޓީވީތައް މެދުވެރިކޮށް ލައިވްކޮށް ދަނީ ދައްކަމުންނެވެ.

އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުން ކަމަށެވެ. އަދި ގުރުއަތު ނަގާ އިރު، ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކައެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި އެ އެސްއެމްއެސްގައި ނެގުނު ފުލެޓާއި ޓަވަރާއި ފުލޯ ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓުގައި ސޮއިކުރުމާއި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާން ކުރާނީ ފަހުންނެވެ.

އެޗްޑީސީން ބުނީ، މި ދުވަސްވަރަކީ ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތު ދީގެން އަންނަ އޮބްޒާވަރުންނަށް ވަނުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ އަގުތައް ހާމަކުރައްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓެއް ނުދައްކައި، ކުލި 25 އަހަރަށް ބަހާލާނަމަ މަހަކު ދައްކަން ޖެހޭނީ 7،500 ރުފިޔާ ކަމަށެވެ. އަދި ޑައުންޕޭމަންޓް ދައްކަން ބޭނުންވާ މީހުންނަށް ދެ ގޮތެއް ދިނުމަށް ސަރުކާރާއި އެޗްޑީސީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.