އައްޑޫ ސިޓީގެ ރައްޔިތުން އެ ސިޓީގެ ކުރިމަގަށްޓަކައި ހޮވާ މީހަކީ ހަރުދަނާ ތަސައްވަރެއް އޮތުމާއެކު އެކަމުގެ އަމިއްލަ ވިސްނުމެއް ހުރި މީހަކަށް ވާން ޖެހޭ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ 1 ނަންބަރު ކެންޑިޑޭޓް، މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދަވާ ފޭސްބުކް ލައިވް ޝޯގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، މިދިޔަ ސަރުކާރުތަކުން އައްޑުއަށް އިހުމާލު ވެފައިވާ ކަމަށާއި ވޭތުވެދިޔަ 14 އަހަރުގެ ލާމަރުކަޒީ ނިޒާމުގައި ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ބޭފުޅުންގެ ތަސައްވަރެއް އޮތް ނަމަވެސް ޕާޓީގެ ކަންކަން އިސްކުރުމާއެކު ސިޓީގެ ކަންކަމަށް އިހުމާލު ވެފައިވާ ކަމަށެވެ.
"އެބޭފުޅުންނަކީވެސް ވަރަށް ގާބިލު ބޭފުޅުން. މައްސަލައަކީ ޕާޓީގެ ފިކުރު އިސްކޮށް ސިޓީގެ ކަންކަމަށް އިހުމާލު ވެވިފައިވުން. ސިޓީގެ މޭޔަރަކަށް އެބަ އަންނަން ޖެހޭ ވަކި ފިކުރަކަށް ބެލުމެއް ނެތި އައްޑުއަށްޓަކައި އައްޑޫ ރައްޔިތުން ގޮވައިގެން މަސައްކަތް ކޮށްދޭނެ އިހްލާސްތެރި އަދި ގާބިލު މޭޔަރަކު. އެއީ އަޅުގަނޑު. އަޅުގަނޑުގެ އެބަހުރި ހުރިހާ އެންމެންނާއެކު މަސައްކަތްކޮށް އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތާއި އަދި އިގްތިސޯދީ ކަންކަން ކުރުމުގެ ގާބިލުކަން. އެކަމުގެ އިލްމާއި ތަޖުރިބާވެސް އެބަހުރި" ލަތީފު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރި ކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުން ކަމަށާއި އަދި މިކަންކަން ރައްޔިތުންނަށްވެސް އެނގެން ޖެހޭ ކަމަށް ލަތީފު ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ ދިގު 14 އަހަރުގައި ފެނިގެން ދިޔައީ ވަކީ ޕާޓިއަކުން އައްޑޫ ސިޓީ ހިންގަމުން ދިޔަ ތަނެވެ. އެގޮތަށް ކައުންސިލް ހިންގާނަމަ ސިޓީއަކަށް ދުވަހަކުވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެވޭނެ ކަމަށް ލަތީފު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ވިސްނަންވީ ސިޓީގެ ކުރިމަގާ ދޭތެރޭ. އޭގެ ފަހުން ޕާޓީގެ ސިޔާސަތު އަންނަން ވާނީ. އައްޑޫ ސިޓީ މިނިވަންވާނީ އެފަދަ މޭޔަރަކު އިންތިހާބު ކޮށްގެން. އެއީ އަޅުގަނޑު. މުހައްމަދު ލަތީފު. އަޅުގަނޑުގެ މޭޔަރުކަމުގައި ޕާޓީއަކީ އަޅުގަނޑަށް ލަފާދޭނެ ތަނެއް ނޫން. އަޅުގަނޑުގެ ރައްޔިތުންނާއި އަޅުގަނޑު މަޝްވަރާ ކުރާނީ. އައްޑޫ އަކީ އިގްތިސޯދީ ވަރުގަދަ މުއްސަނދި ހަބަކަށް ހެދުމުގެ ގާބިލުކަން ހުރީ އަޅުގަނޑުގެ ކިބައިގަ. ސިޓީގެ މުސްތަގުބަލަށްޓަކައި އަޅުގަނޑަށް ވޯޓު ދެއްވާ. މޭޔަރަކަށް ހައްދަވާ. ހަމަ ޔަގީނުންވެސް އެއްވެސް ރައްޔިތަކު އޭގެ ފަހުން މާޔޫސްވާކަށް ނުޖެހޭނެ." ލަތީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު