އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ޕްރިންޓް ކޮށްފައިވަނީ 498،184 ވޯޓު ކަރުދާސް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު 'ވަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓުކޮށްފައި ވަނީ އެންމެ ފަހުން ބޭއްވި އިންތިހާބަށް ވެސް ވޯޓު ކަރުދާސް ޕްރިންޓު ކުރި، ނޮވެލްޓީ ޕްރީންޓާސް އެންޑް ޕަބްލިޝާސް އިން ކަމަށެވެ.
އެގޮތުން ކައުންސިލްތަކަށް ހާއްސަ ކޮށްގެން 275،860 ވޯޓު ކަރުދާސް ޕްރިންޓު ކޮށްފައިވާ އިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބަށް ޕްރިންޓު ކޮށްފައިވަނީ 222،324 ކަރުދާސް ކޮޅެވެ.
"އަޅުގަނޑު މި ދަންނަވާލި އަދަދަކީ ކޮންމެ ދާއިރާއެއްގައި ގާނޫނު އެ ބުނާ އެއް ޕަސެންޓް އިތުރަށް ލައިގެން އަންނަ ޖުމުލަ އަދަދު މި ދަންނަވާލީ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ކޮންމެ ދާއިރާއަކަށް ޕްރިންޓު ކުރި ވޯޓު ކަރުދާހުގެ އަދަދުތައް ވަކިވަކިން އިއުލާނު ކުރައްވާނެ ކަމަށެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ 273،128 އެވެ. އޭގެ ތެރެއިން އަށާރަ އަހަރު ފުރި އަލަށް ވޯޓު ލެވޭ މީހުންގެ އަދަދަކީ 5134 މީހުންނެވެ.
މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ކޮވިޑް-19އާ ގުޅިގެން އެކި ފަހަރު މަތީން އިންތިހާބު ފަސްކުރަމުން ގޮސް، އެންމެ ފަހުން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކުން، މި މަހުގެ 10 ގައި އިންތިހާބު ބާއްވަން މިހާރު ވަނީ ކަނޑައަޅައިފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން، ކައުންސިލް އިންތިހާބު ބޭއްވުމަށް ހާއްސަ ގައިޑްލައިނެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން ޕޮޒިޓިވްވާ ފަރާތްތަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދީފައިވާއިރު، އެ ފަރާތްތަކަށް ވޯޓު ކަރުދާހުގައި އަތްލުމުގެ ފުރުސަތެއް ނުދޭނެއެވެ. އެ ފަރާތްތަކުން ވޯޓުލުމަށް އިތުރު މީހަކު ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު