މޭޔަރު ކަމަށް އާދެވުނަސް މުއިއްޒު ކުރާނީ ސަރުކާރަށް ޖެއްސުން، އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ "ހަވަރު ބެރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ލޯކަލް ކައުންސިލްތައް ހަލާކުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ސިޓީ ކައުންސިލް މެދުވެރިކޮށް ކަންކަން ނުކުރެވުނީ ސަރުކާރުގެ ނުފޫޒު ކައުންސިލްތަކަށް އޮންނާތީ ކަމަށެވެ. އަދި ކުރީ ސަރުކާރުން މަސައްކަތް ކުރީ ކައުންސިލްތައް ފުޑާލަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މުއިއްޒަކީ ހަމަ ހާއްސަކޮށް ކައުންސިލްތައް ހަމަ އެންމެ ބޮޑަށް ހިސޯރު ކުރައްވައި މުޅި ކައުންސިލްތައް ފުނޑުފުނޑުކޮށްލުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅެއް. މާލޭ ކައުންސިލްގައިވެސް އެތައް ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، މުއިއްޒު މާލޭގެ މޭޔަރު ކަމަށް އާދެވުނަސް އޭނާ ކުރާނެ ކަމަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތް ކަމަށާއި މުއިއްޒުގެ އިހްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މާލޭގެ މޭޔަރުކަމަށް ދެން ވާދަކުރައްވަނީ އަލްހާން ފަހްމީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު