ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އެވެ.

މި ބިލުގެ އިބުތިދާއީ ބަހުސް ނިމި މަޖިލީހަށް ބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެެއިން 27 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ތަރައްގީ ކުރުމަށް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ބިލު ވަނި ފޮނުވައިފައެވެ.

މި ބިލުގައި ބުނެފައި ވަނީ، މިއީ ރާއްޖޭގެ ކަނޑުދަތުރު ކުރުމާއި އެއްގަމު ދަތުރު ކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައި ވާތީ އެ އޮތޯރިޓީ އުވާލައި އެތަނުގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ގާނޫނު އުވާލުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

މި ގާނޫނަށް އަމަަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލްސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ވެސް ބުނެފައިވެއެވެ.