ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ލ. ގަން، ތުނޑި/ ކަޅައިދޫފިނިހިޔާގެ، މޫސާ އިނާސްގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާއަށް އޭނާ އިންކާރު ކުރުމުން އެކަން ސާބިތުކުރުމަށްޓަކައި ދައުލަތުން 36 ހެއްކެއް ހުށަހަޅައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވަމުން ބުނެފައިވަނީ، އެ ހާދިސާގެ ޒިންމާ މޫސާ އިނާސް ނަގާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެގޮތުން މޫސާ އިނާސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ނަންބަރަކުން ހަދާފައިވާ ޓެލެގުރާމް އެކައުންޓަކުން އެކަން ކުރި ކަމަށް އެއްބަސްވެ އެކަމުގެ ޒިންމާ ނަގާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކޯޓު އަމުރެއްގެ ދަށުން މޫސާ އިނާސް ދިރިއުޅުނު ގެ ބަލައި ފާސްކުރި އިރު އެ ގޭގައި ހުރި ކޮޓެރިއެއްގެ ތެރެއިން ފެނުނު ލެޕްޓޮޕެއްގެ ހާޑުގައި، ގޮވާ ތަކެތި ތައްޔާރުކުރާނެ ގޮތުގެ ލިޔުންތަކެއްވެސް ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް މޫސާ އިނާސަށް ފުރުސަތު ދިނުމުން އޭނާ ވަނީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށް ބުނެފައެވެ.

"މި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ޝަފަވީ ހެކި އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމުލަ 36 ހެއްކެއް ހުށަހަޅަން،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މޫސާ އިނާސްއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންތަކަކާއި ސިފައިންތަކެއްގެ އިތުރުން ލ. އަތޮޅަށް ނިސްބަތްވާ ބައެއް އާންމު ރައްޔިތުންނެވެ. އޭގެ ތެރެއިން ސިއްރު އެއް ހެކި ހިމެނެއެވެ.

މޫސާ އިނާސްގެ ފަރާތުން ދިފައީ ހެކިން ހުށަހަޅަން ބޭނުންވާކަން ފާހަގަކޮށް އޭނާގެ ވަކީލު ވިދާޅުވެފައިވަނީ އެކަމަށް އަދި ވަގުތު ބޭނުންވާނެ ކަމަށާއި އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ހެކި ހުށަހަޅުއްވާނެ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އިނާސްގެ މައްޗަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ އަހަރުގެ މާޗު 22 ވަނަ ދުވަހު ގަމު ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ޕޮލިސް ލޯންޗެއްގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ

މޫސާ އިނާސް ވަނީ މީގެ ކުރިން ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލިކަން ސާބިތުވެ 15 އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް އޭނާއަށް ފަހުން ވަނީ މައާފު ދީ މިނިވަންކޮށްފައެވެ.